މާލެ ސަރަހައްދުގައި ކަރަންޓު ކެނޑުމާ ގުޅިގެން، ސްކޫލުތަކުގެ ކިޔެވުން މެދުކަނޑައިލައި، ދަރިވަރުން ގެއަށް ފޮނުވައިލައިފިއެވެ.

ކަރަންޓު ކެނޑުނީ މިއަދު މެންދުރުފަހު 12:30 ހާއިރެވެ. މިއަދު މެންދުރުފަހު ސްކޫލު ތަކުގެ ސެޝަން ފެށޭ ގަޑީގައި ކަރަންޓު ކެޑިފައިވާއިރު އެންމެ ފުރަތަމަ ހޮސްޕިޓަލު ފަދަ މުހިއްމު ތަންތަނުގެ ކަރަންޓުވެސް ވަނީ ކެނޑިފައެވެ. އެހެންނަމަވެސް ގިނަ ތަންތަނުގައި ބެކަޕް އިންޖީނު ބޭނުންކޮށްގެން ކަރަންޓު ދީފައިވާއިރު ސްޓެލްކޯ އިން ބުނީ، މިއީ ޓޯޓަލް ބްލެކްއައުޓެއް ކަމަށާއި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ މިއީ ޓޯޓަލް ބްލެކްއައުޓްއަކަށްވާތީ، ގުރިޑު އަލުން އެނަޖައިޒްކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޗެކަޕްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެއާއި ހުޅުމާލޭގެ ޖެންސެޓްތައް އެނަޖައިޒްކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ޖެނެރޭޓަރު ޗެކަޕްގެ ތެރެއިން ޖެނެރޭޓަރުތަކުގައި ތެޔޮ ހުރިކަން ކަށަވަރުކުރުމާއި ސިސްޓަމްތަކުގެ ފިނިހޫނު މިން ހިފެހެއްޓުމަށް ބޭނުންކުރާ ކޫލަންޓް ހުރިތޯއާއި ވައި ފިލްޓަރުކުރާ ނިޒާމު ޓެސްޓްކުރުމާއި ބެޓެރި ޓެސްޓްކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.