ވިލިމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ހަ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ނިހާނުގެ މައްޗަށް އުފުލާފައިވާ ހަ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ތާވަލު ކޮށްފައި އޮތީ ހެނދުނު 9 ޖަހާއިރަށެވެ. ނަމަވެސް އޭނާގެ ޝަރީއަތް ވަނީ މިއަދު ކެންސަލް ކޮށްފައި ކަމަށާއި، ކެންސަލް ކޮށްފައި ވަނީ ދައުލަތުން އެދިގެން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ނިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

  1. ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއެއް
  2. މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެއް
  3. ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެއް

ހަމަ އެއާއެކު، އެ މައްސަލާގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާގެ އިތުރުން، އެއާ އެއްކޮށް ހޯދާފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.

ދައުވާ އުފުލުމަށްފަހު، އެ މައްސަލަތަކުގައި މިހާތަނަށް ބާއްވާފައިވަނީ އެންމެ އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ، ޝަރީއަތް ނިމެންދެން ނިހާނުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދީފައެވެ. ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފަށައިގެން ކުރިއަށް ދާއިރު، އޭނާގެ އެޕާޓްމަންޓަކާއި ރޮލެކްސް ގަޑިއެއް ދައުލަތަށް ނަގައިދިނުމަށް ވަނީ އެދިފައެވެ.

ނިހާނަށް ހަދިޔާއެއްގެ ގޮތުގައި ލިބުނު ރޮލެކްސް ގަޑިއަކީ ރިޝްވަތުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ރާއްޖޭގެ ވިޔަފާރިވެރިޔާ މަރުހޫމް މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް ދިން ގަޑިއެއް ކަމަށް ދައުލަތުން ވަނީ މީގެ ކުރިން ބުނެފައެވެ.