ދުނިޔޭގެ އެންމެ ހަރުކަށި އެއް ޖަލު ކަމުގައިވާ ގުއަންޓަނަމޯ ޖަލުން 5 ގައިދީއަކު މިނިވަން ކުރުމަށް އެމެރިކާއިން ރުހުން ދީފިއެވެ.
5 ގައިދީއަކު މިނިވަން ކުރުމަށް އެމެރިކާއިން ރުހުން ދިން ކަމުގައި ވީ ނަމަވެސް، ކައިރި މުސްތަގުބަލެއްގައި އެމީހުންނަށް އެ ޖަލުން ނިކުމެވޭނެ ކަމަކަށް ނުބެލެވެއެވެ.
ގުއަންޓަނަމޯ ޖަލުން މިނިވަން ކުރުމަށް އެމެރިކާއިން ރުހުން ދިން ގައިދީންގެ ތެރޭގައި ހިމެނެނީ ޔަމަނަށް ނިސްބަތްވާ 3 މީހަކާ، ސޯމާލިއާ މީހެއްގެ އިތުރުން ކެންޏާ މީހެކެވެ.
ގުއަންޓަނަމީ ޖަލަކީ، ޓެރަރިޒަމާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައާއެކު މީގެ 20 އަހަރު ކުރިން އޮޕަރޭޓް ކުރަން ފެށީ ޖަލެކެވެ. މިނިވަން ކުރުމަށް އެމެރިކާއިން ނިންމި 5 ގައިދީންގެ ބަންދުގެ މުއްދަތު އެއްކޮށްލުމުން، ޖުމުލަ އަދަދު 85 އަހަރަށް އަރައެވެ.
ކިއުބާގައި އޮޕަރޭޓް ކުރަމުން ދާ ޖަލުގައި 39 ގައިދީއަކު ތިބި އިރު، މިހާތަނަށް 18 މިނިވަން ކުރުމަށް އެމެރިކާއިން ވަނީ ރުހުން ދީފައެވެ. އެއީ ނޮވެމްބަރާއި ޑިސެމްބަރު މަހު ކުރިއަށް ގެންދިޔަ މުރާޖާތަކަކަށް ފަހުގައެވެ. މި 18 މީހުންނަކީ އެމީހުންނާ ދެކޮޅަށް އެއްވެސް ދައުވާ އުފުލާފައި ވާ މީހުންނެއް ނޫނެވެ.
ގުއަންޓަނަމޯ ޖަލުން މިނިވަން ކުރުމަށް އެމެރިކާއިން އެންމެ ފަހުން ރުހުން ދިން 5 ގައިދީންގެ ފަރާތުން އެމެރިކާއަށް ނުރައްކަލެއް ނެތް ކަމަށް އެގައުމުން މިހާރު ގަބޫލު ކުރެއެވެ. ނަމަވެސް އެ ގައިދީންނަށް އެ ޖަލުން ނިކުމެވެން އަންނަނީ، އެމީހުންގެ އަމިއްލަ ވަޒަނުން ނުވަތަ އެހެން ގައުމަކުން އެ މީހުން ބަލައިގަތުމަށް އެއްބަސްވުމުންނެވެ.