ކަޝްމީރުގައި އިންޑިއާއިން ކޮންޓްރޯލް ކުރާ ފަޅީގައި ފަތުރުވެރިކަމަށް މަޝްހޫރު ސަރަހައްދަކަށް ބަޑިން ދިން ހަމަލާއެއްގައި 26 މީހަކު މަރުވެއްޖެއެވެ.

ބަޑި ހިފައިގެން ހުރި މީހަކު ހަމަލާ ދިނީ ސީދާ ފަތުރުވެރިންނަށް އަމާޒު ކޮށްގެން ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.

ފަތުރުވެރިން އުޅުނީ ކަޝްމީހުގެ ޕަހަލްގަމްގައި އޮންނަ އަނަންތްނަގް ގެ ރީތި ފަރުބަދަތައް ބަލާލުމަށެވެ. ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ނޭޕާލް މީހަކާއި އިންޑިއާގެ އެކި ސަރަހައްދުތަކުން ޒިޔާރަތް ކޮށްގެން އުޅުނު ފަތުރުވެރިން ހިމެނެއެވެ.

އޮފިޝަލުން ބުނީ ބަޑި ޖެހި ސަރަހައްދު ކަމަށް ވާ ބައިސަރަން ވެލީ އަކީ ހަމައެކަނި ފައިމަގުގައި ނުވަތަ އަހުގައި ދެވޭ ސަރަހައްދެއް ކަމަށާއި ދުރުން އެތައް މޭލަކަށް އެއީ ހަތަރު ފުރޮޅުލީ ވެހިކަލަށް ދެވޭ ކަހަލަ މަގެއް އޮންނަ ސަރަހައްދެއް ނޫން ކަމަށެވެ.

މަންޒަރު ދުށް މީހަކާ ހަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ބުނީ, ހަމަލާ ދިން މީހާ އެކަން ކޮށްފައި ވަނީ ދާދި ގާތުގައި ހުރެގެން ކަމަށެވެ. އެހެން ބައެއް މީހުން ބުނީ, ބަޑި ހިފައިގެން ހުރި މީހާ ބަޑިޖަހަމުން އެމީހުންގެ ތެރެއަށް ވަން ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން ތިބި ޓެންޓުގެ ތެރެއަށް ވަދެވެސް ބަޑިޖަހާފައި ވާ ކަމަށެވެ. އަދި އެ ފަތުރުވެރިން އައީ އިންޑިއާގެ ޕޫނޭ އިން ކަމަށާއި އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ތާއީދު ކުރާ ބައެއް ކަމަށް އޭނާ އަޑުހަރުކޮށް ގޮވި ކަމަށެވެ.

މި ހަމަލާގެ ޒިންމާ, ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ 'ދަ ރެސިސްޓެންޓް ފްރަންޓް' އިން އުފުލާފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.

ކަޝްމީރު ހިމެނޭ ހިމާލިޔާގެ ރީތި ސަރަހައްދަކީ އެތަނުގެ މިލްކުވެރިކަމާ މެދު އިންޑިއާ އާއި ޕާކިސްތާނުން އަރާރުންވެ ދެފަރާތުގެ ދެމެދުގައި ދޭތެރެ ދޭތެރެއިން ކުރިމަތިލުންތައް ހިންގާތާ އެތައް ޒަމާނެއް ވީ ސަރަހައްދެކެވެ. އިނގިރޭސީން އިންޑިއާ ދޫކޮށްލާފައި ފޭބި އިރު ޕާކިސްތާނާއި އިންޑިއާ އަށް ދެބައި އޮންނަ ގޮތަށް ކޯރުތަކާއި ފަރުބަދަތަކުގެ މެދުން ވާނެހެން ޗާޓުގައި ރޮނގުދަމާ ދޫކޮށްލި ފަހުން އަދިއަދަށް ދާންދެންވެސް އެ ދެގައުމުން ހިފަނީ މުޅި ސަރަހައްދު އަމިއްލަ ކުރުމަށެވެ.

އެކަން އެހެން އޮއްވާ އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ބަޔަކީ ސީދާ މަރުކަޒީ ސަރުކާރުގެ ބައެއްގެ ގޮތުގައި ކަނޑައަޅާ އިދާރީ ގޮތުން ބަލަހައްޓަން ފެށުމާއެކު އެ ސަރަހައްދުގައި ދިރިއުޅޭ މުސްލިމް އާއިލާތަކުން އިހުތިޖާޖް ކޮށް ހަދައެވެ. ދޭތެރެ ދޭތެރެއިން ސަރުކާރާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާތައް ވެސް ކުރިއަށް ގެންދެއެވެ.

އިންޑިއާއިން ތުހުމަތު ކުރަނީ އެ ސަރަހައްދުގައި ހިންގާ ޓެރަރިސްޓް ހަރަކާތްތައް ހިންގަނީ ޕާކިސްތާން ސަރުކާރުގެ މަދަދު ލިބިގެން ކަމަށެވެ. ޕާކިސްތާނުން ބުނަނީ ޓެރަރިޒަމަށް ހިތްވަރުދެނީ އިންޑިއާ އިން ކަމަށެވެ.

މި ހާދިސާ އާ ގުޅިގެން ޕާކިސްތާނުގެ ހާރިޖީ އޮފީހުގެ ތަރުޖަމާނު ބުނެފައި ވަނީ ގާނޫނާ ހިލާފަށް އިންޑިއާ އިން އަމިއްލަ ކޮށްގެން އުޅޭ ޖަންމު އެންޑް ކަޝްމީރުގެ އަނަންތްނަގް ގައި ފަތުރުވެރިންނަށް ދިން ހަމަލާއާ ގުޅިގެން ކަންބޮޑުވާ ކަމަށެވެ.