ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި ވެރިކަމުގައި ކުރީން އޮތް ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ކަން ކުރެއްވި އަހްމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް އުފުލާފައިވާ 6 ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލު ކޮށްފިއެވެ.

ނިހާނަށް ކުރާ 6 ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި ވަނީ މާދަމާ ހެނދުނު 9:00 އަށެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކު ނިހާންގެ މައްޗަށް ވަނީ ހަ ދައުވާއެއް އުފުލާފައެވެ. އެއީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށް ހޯދާފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.

ދައުވާ އުފުލުމަށް ފަހު އެ މައްސަލަތަކުގައި މިހާތަނަށް ބާއްވާފައި ވަނީ އެންމެ އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދައުލަތުން އެދުމުން ގާޒީ އަލީ އާދަމް ވަނީ، ޝަރީއަތް ނިމެންދެން ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދީފައެވެ. ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފަށައިގެން ކުރިއަށް ދާ އިރު، ނިހާންގެ އެޕާޓްމަންޓަކާއި ރޮލެކްސް ގަޑިއެއް ދައުލަތަށް ނަގައިދިނުމަށް ވަނީ އެދިފައެވެ.

ނިހާނަށް ހަދިޔާއެއްގެ ގޮތުގައި ލިބުނު ރޮލެކްސް ގަޑިއަކީ ރިޝްވަތުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ރާއްޖޭގެ ވިޔަފާރިވެރިޔާ މަރުހޫމް މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް ދިން ގަޑިއެއް ކަމަށް ދައުލަތުން ވަނީ މީގެ ކުރިން ބުނެފައެވެ.