ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިންގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ވަފުދެއް އެ ރަށަށް ވަޑައިގަތުމުން އެމްއެންޕީގެ ނައިބު ރައީސް އަދި ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް ފާޑުވިދާޅުވެއްޖެއެވެ.

އެ ވަފުދުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަދި އދ. އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ހިމެނިވަޑައިގަންނަވައެވެ. އަދި އެބޭފުޅުންނާއެކު އެ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދުގެ ދަރިކަނބަލުން ނަޝާ ހުސެއިން ވެސް ކޮމަންޑުއަށް ވަޑައިގެންނެވިއެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ކެމްފެއިނަށް ދިޔަ ވަފުދު

ރާޝިދުގެ ކެމްޕެއިނަށް މިދިޔަ ހަފްތާގެ ހުކުރު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގެންނެވިއެވެ. ރައީސްއާއެކު އެ ދަތުރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިބްރާހިމާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަޑައިގެންނެވިއެވެ.

ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސްގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވަނީ ރައްޔިތުންގެ މަޖިލީހުގައި ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑި މިހާރު ވެސް އެމްއެންޕީ އަށް ޔަގީން ކުރެވިއްޖެ ކަމަށާއި ކޮމަންޑޫގެ އިތުރުން ފޯކައިދޫއަށާއި މަރޮށީގެ ވެސް ކޮންމެ ގެއަކަށް ޒިޔާރަތް ކުރުމުން ހަންނާންއަށް އޮތް ތާއީދު ފެނިގެން ދިޔަ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެމްއެންޕީގެ ރައީސް ކޮމަންޑޫ ދާއިރާގެ ގޮނޑި ލިބިއްޖެކަމަށް ހަބަރު ދިނުމާއެކު ސަރުކާރުގެ ޔޫއެންގެ ވަފްދު ކޮމަންޑުއަށް ވަޑައިގެންފި ކަމަށާއި އެހެންނަމަވެސް މިފަހަރަކީ ކޮމަންޑޫގެ ދާއިރާގެ ރައްޔިތުން ސަރުކާރަށް އަދި އެމްޑީޕީއަށް ނޫނެކޭ ބުނާނެ ފަހަރު ކަމަށެވެ. މީގެ އިތުރުން ޝަރީފް ވަނީ މިފަހަރު ފަހު ވަގުތުގައި އަރައި ފައިސާދީގެން ކޮމަންޑޫ ދާއިރާގެ ގޮނޑި ނުނެގޭނެ ފަހަރު ކަމަށްވެސް ވިދާޅުވެފައެވެ.

އެމްޑީޕީގެ އިތުރުން ޕީޕީއެމް އާއި އެމްއެންޕީންވެސް އެ ދާއިރާއަށް ވާދަކުރެއެވެ. އެގޮތުން، އެ ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓަކީ މޫސާ ފަތުހީއެވެ. އަދި އެމްއެންޕީން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސްއެވެ.

އެ ދާއިރާގައި ކޮމަންޑޫގެ އިތުރުން މަރޮއްޓާއި ފޯކައިދޫ ހިމެނޭއިރު ވާދަކުރާ 3 ޕާޓީއިންވެސް އަންނަނީ ފޯރީގައި ކެމްޕޭން ކުރަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގައެވެ. އެ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.