ޗައިނާގައި ފްލޫ ކުލިނިކު ގާއިމު ކޮށްފައި ނުވާ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން ދިޔަ ޑޮކްޓަރަކު، ހުން ހުރި ޕޭޝަންޓަކަށް ފަރުވާ ދިން ކަމުގެ ތުހުމަތުގައި، އެ ޑޮކްޓަރާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލައިފިއެވެ.

ކޮރޮނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާއިން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދާއިރު، ކޮވިޑްގެ އާލާމާތްތައް ހުންނަ ޕޭޝަންޓުންނަށް ފަރުވާ ހޯދެން އޮންނަނީ، އެކަމަށް ހާއްސަކޮށް ފައި ވާ ވަކި ހޮސްޕިޓަލްތަކަކުން އެކަންޏެވެ.

ޑރ ގޫއޯގެ ނަމުގައި މީޑިއާގައި ރިއާޔަތް ކުރަމުން އަންނަ މި ޑޮކްޓަރާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލާފައި ވަނީ، ގައިންގަޔަށް އަރާ ބައްޔެއް ކޮންޓްރޯލްކޮށް، ބަލި ފެތުރުން ހުއްޓުވުމަށް ހުރަސްއެޅި ކަމުގެ ކުށުގެ ތުހުމަތުގައެވެ.

ކަމާ ބެހޭ ފަރާތްތަކުން އާންމު ކުރި ނޯޓިސްގައި ބުނެފައި ވަނީ، ހިނާން ޕްރޮވިންސްގައި ހިނގި މި ހާދިސާގައި، ޑރ ގޫއޯ، ޕޭޝަންޓަށް ފަރުވާ ދީފައި ވަނީ އޮކްޓޯބަރު 29، 2021 އިން ނޮވެމްބަރު 2، 2021 ގެ ނިޔަލަށް ކަމަށެވެ. މި ކަމެއް ހިނގި ހޮސްޕިޓަލުގެ ވައިސް ޑައިރެކްޓަރަކީވެސް ޑރ ގޫއޯ ކަމަށާ، އެ ހޮސްޕިޓަލަކީ ހުމަށް ހާއްސަ ކޮށްފައި ވާ ކުލިނިކުތައް ހިންގާ ހޮސްޕިޓަލެއް ނޫނ ް ކަމަށް މައުލޫމާތު ލިބެއެވެ.

ކުރިއަށް އޮތީ ޗައިނާގައި އާ އަހަރު ފެށުން ފާހަގަ ކުރާ ދުވަސްވަރު ކަމުން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ އާންމުންނަށް ގޮވާލަމުންނެވެ.