މި ދުވަސްވަރު ރާއްޖޭގައި ވައިރަލް ހުމާއި، ރޯގާ އިތުރުވުމާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން މާލެ އާއި މާލެ ސަރަޙައްދުގެ ބައެއް ތަންތަނުގައި ފްލޫ ކްލިނިކްތަކެއް ހުޅުވައިފިއެވެ.

މިގޮތުން ފްލޫ ކްލިނިކް ހުޅުވާފައި ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ހުޅުމާލެ އަދި ވިލިމާލޭގައެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ފްލޫ ކްލިނިކްތައް ގާއިމްކުރުމުގެ މަގްސަދަކީ، މިއީ ހައްޖުވެރިން އެނބުރި އަންނަމުންދާ ދުވަސްވަރަކަށް ވާތީ، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައެވެ. އަދި އެފަރާތްތަކަށް ހާއްސަކޮށްގެން ހުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހައިން ރައްކާތެރިކަމައި އެކު އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާ ދިނުމާއި އާއްމުންގެ ތެރޭގައި ހުމާއި ރޯގާ ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރިވުމަށް އަޅާފިޔަވަޅެއްގެ ގޮތުގައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ހުމާއި ކެއްސުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ފެތުރުން ކޮންޓްރޯލްކޮށް މެނޭޖްކުރުމަށް ހާއްސަ ކްލިނިކްތައް ގާއިމްކޮށްފައިމިވަނީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. މި ބަލިތަކުން އާންމުން ރައްކާތެރިކޮށް، ފަރުވާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ބަލިމީހުންގެ އަދަދު އިތުރުވަމުންދާނަމަ އެހެނިހެން ސަރަހައްދުތަކާ އަތޮޅުތަކުން މި ހިދުމަތް ދިނުމަށް ސިއްހާ ދާއިރާ ތައްޔާރަށް އޮތްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް މިނިސްޓްރީން ވަނީ މި ބަލި މުޖުތަމައުގެ ތެރޭގައި ފެތުރުން ވީހާވެސް ބޮޑަށް ހުއްޓުވުމަށް ހައްޖުން އެނބުރި އަންނަ އެއްވެސް ހައްޖާޖީއެއްގެ ފަރާތުން މިފަދަ ބައްޔެއްގެ އަލާމާތްތައް ފެނިއްޖެނަމަ މި ކްލިނިކްތަކުގެ ބޭނުން ހިފުމަށް އިލްތިމާސްކޮށްފައެވެ.