އިސްތަށިގަނޑުގައި ކަޅުކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.

އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމުގެ ހުކުމް ބަޔާންކޮށް ނެރުނު ފަތުވާގައި އެ މަޖިލީހުން ވަނީ މި މައްސަލައިގައި އިލްމުވެރިންގެ މައިގަނޑު 2 ރައުޔެއް އޮތްކަން ފާހަގަކޮށްފައެވެ.

އެއީ ހަރާމްކަމަަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔާއި ހުއްދަކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔެވެ. ފަތުވާ މަޖިލީހުން ބުނީ މި 2 ރައުޔުވެސް ބިނާވެފައި ވަނީ ދަލީލުތަކުގެ މައްޗަށް ކަމަށެވެ.

މި މައްސަލަ ދިރާސާ ކުރައްވައި އިލްމުވެރިން ނެރުއްވާފައިވާ ހުކުމްތައް ގުޅިފައި ވަނީ އެބޭކަލުންގެ އިޖުތިހާދާކަން ފަތުވާ މަޖިލީހުން ވަނީ ބުނެފައެވެ.

ފަތުވާ މަޖިލީހުން ބުނީ ހުއްދަކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ފަތުވާދޭ މަޖިލީހުގެ މެންބަރުން ބުރަވަނީ އިސްތަށީގައި ކަޅުކުލަޖެއްސުން ހުއްދަ ކަމަށް ކަމަށް އެ މަޖިލީހުން ބުނެފައިވެއެވެ.