ސެނަހިޔާ ފްލޫ ކްލިނިކަށް ކޮވިޑް ޓްސްޓު ހަދަން ދާ މީހުންގެ ކިއު ލައިން ހަދާ ސަރަހައްދު އުރީދޫ މޯލްޑިވްސް އިން ހިޔާ ކޮށްދީފިއެވެ.

އެ ސަރަހައްދު ހިޔާ ކޮށްފައި ވަނީ އުރީދޫގެ ލޯގޯ ޖަހާފައިވާ ރަތް ކުލައިގެ ޓެންޓް ތަކަކުންނެވެ. ސެނަހިޔާ ގޭޓުގެ ކަނާތް ފަރާތުގެ ދުވާރު މަތި ހިޔާ ވާގޮތަށް މިހާރު ވަނީ ފަސް ޓެންތެއް ޖަހާފައެވެ.

މާލޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުން އަންނަ މި ދުވަސްވަރު އެންމެ ބާރު ބޮޑުވެ ކިއު ލައިން ދިގުވާ އެއް ތަނަކީ ސެނަހިޔާގައި ހުންނަ ފްލޫ ކްލިނިކެވެ. އެ ފްލޫ ކްލިނިކަށް ކޮވިޑް ޓެސްޓު ހަދަން ދާ މީހުންނަކީ ކޮވިޑް ބަލީގެ އަލާމަތްތައް ފެނިގެން ދާ މީހުންނެވެ.

ގިނަ ބަޔަކު އެ ފްލޫ ކްލިނިކަށް ދައްކަން ދާއިރު މަގުމަތީގައި ދިގު ކިއުލައިނެއް އަބަދުވެސް އޮންނަ ތަން ފެނެއެވެ. ހާއްސާކޮށް މި ދުވަސްވަރު ކޮވިޑް ކޭސްތައް އިތުރު ވަމުން އަންނަ އިރު އެކަން ވަނީ ފާހަގަވެފައެވެ.

ހަވީރު 4 ޖެހުމާ ހަމައަށް އެ ސަރަހައްދަކީ އާންމުކޮށް އަވި ދީފައިވާ ސަރަހައްދެއް ކަމުން އެ ތަނުގައި ކިއުގައި ތިބޭ މީހުން މަޑުކުރަން ޖެހެނީ އަވީގައެވެ. ބަލީގެ އަލާމާތާ އެކު ޓެސްޓު ހަދަން ދާ ގިނަ ބަޔަކު އަންނަނީ އަވީގައި ހުންނަން ޖެހޭތީ އާ ގިނަ އިރު ކޮޅަށް ބައި ތިއްބާތީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މި ކަންބިޑުވުންތަކަށް މިހާރު އުރީދުން މި ވަނީ ހައްލެއް ހޯދައިދީފައެވެ.

މުއާސަލާތީ ހިދުމަތް ދޭ ކުންފުންޏެއްގެ ގޮތުގައި އުރީދޫ އަކީ ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ. އެ ކުންފުނިން މަުޖުތަމައުގައި މީހުންނަށް ލުއި ފަސޭހާ ވާނެ ގޮތަށް އެކި ކަންކަން އަންނަނީ އިންތިޒާމު ކުރަމުންނެވެ. ހާއްސަކޮށް ކޮވިޑްގެ މި ޕެންޑަމިކްގައި އުރީދޫން މި މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށް ދިނުމައްޓަކައި ކޮށްދެމުން އަންނަ މިފަދަ ކަންކަމަކީ ފާހަގަކޮށް ތައުރީފް ވެސް ހައްގު ކަންކަމެވެ.