މާލެ ސަރަހައްދުގައި ރޯގާއާއި ހުން އައިސް ޑޮކްޓަރަށް ދައްކަން ދާ މީހުން ގިނަ ވެ އައިޖީއެމްއެޗަށް ބާރުބޮޑުވެ ނުކަތާ ހިސާބަށް ހިނގައްޖެއެވެ.
ވައިރަލް ރޯގާއެއް އުޅޭ ކަން މި މަސް ފެށުނު އިރު އެނގުނު ނަމަވެސް ހެލްތު މިނިސްޓްރީން ބުނަމުން އައީ ފާހަގަ ވާ ވަރަށް ވައިރަލް ނުފެތުރޭ ކަމަށެވެ. ނަމަވެސް ވައިރަލް އުޅޭ ކަމުގެ ސިގްނަލް ދެމުން އައިޖީއެމްއެޗުން ވަނީ މި މަހުގެ 25 ވަނަ ދުވަހު އިއުލާނެއް ނެރެފައެވެ. އެ އިއުލާނުގައި ބުނެފައި ވަނީ ހުމާއި ރޯގާ އަދި ކެއްސުން ފަދަ އަލާމާތްތަކާ އެކު ޑޮކްޓަރަށް ދައްކަން އެ ހޮސްޕިޓަލަށް ނުދިއުމަށާއި އެފަދަ އަލާމާތެއް ހުރި ނަމަ ހެނދުނު 8:30 އިން ރޭގަނޑު 10:00 އާ ދެމެދު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހުންނަ ތަނުގައި ހާއްސަކޮށްފައިވާ ފްލޫ ކްލިނިކަށް ދިއުމަށެވެ.
ހަމައެއާއެކު އިއްޔެ އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އިންފުލުއެންޒާއަށް ޕޮޒިޓިވްވާ އަދަދު އިތުރުވާތީ އެކަމަށް ސަމާލުވުމަށް ގޮވާލާފައެވެ.
އެހިސާބުން ސުވާލު އުފެދެނީ ފްލޫގައި މީހުން ހާލު ބޮޑުވެ ޑޮކްޓަރަށް ދައްކަން ޖެހެނީ ހަމައެކަނި ހެނދުނު 8:30 އިން ރޭގަނޑު 10 އަކާ ހަމައަށް ހެއްޔެވެ. މި ސުވާލަށް ޖަވާބު ހޯދުމަށް އައިޖީއެމްއެޗަށް ގުޅާލުމުން އެ ފަރާތުން ބުނީ ރޭގަނޑު 10 ގެ ފަހުން ހުމާއި ރޯގާގެ އަލާމާތާ އެކު އަންނަ ބަލި މީހުން އައިޖީއެމްއެޗްގައި ހުންނަ ފްލޫ ކްލިނިކުން ބަލާނެ ކަމަށެވެ.
އެގޮތުން ރޭގަނޑު 10 ގެ ފަހުން އައިޖީއެމްއެޗަށް ވެސް ދައްކަން ގިނަ އަަދަދެއްގެ މީހުން ހުމާ "ރަޖާ ލައިގެން" ގޮސް ތިބެއެވެ. އެ ގޮތުން ރޭ 10 ޖެހީއްސުރެ ދޫކުރި ނަންބަރުތަކާ އެކު ފްލޫ ކްލިނިކް ދޮރު މަތީ ޖަހާފައިވާ ގޮނޑިތައް ފުރި އެތައް ބަޔަކު ކޮޅަށް ވެސް ތިބީ ފްލޫ ކްލިނިކްގެ ނަންބަރު އަރުވާނެ ވަގުތެއްގެ އިންތިޒާރު ގައެވެ.
ދަންވަރު 12 ޖެހުމާ ހަމައަށް ދިޔަ އިރު އާދައިގެ ޓޯކަން އަށް ދޫކުރި 15 ވަރަކަށް ނަނަބަރުގެ ތެރެއިން އެރުވީ އެންމެ ނަންބަރެކެވެ. ބާކީ ތިބި 14 މީހުން އިންތިޒާރުގައި އިރުއިރުކޮޅާ ކައުންޓަރު ކައިރިއަށް ގޮސް ޝަކުވާ ކޮށްލަ ކޮށްލަ ތިއްބެވެ.
އެއް ބަޔަކު ކެއްސަމުން ކެއްސަމުން ގޮސް ހޮޑުލި އިރުވެސް ނަންބަރެއް ނުޖެހުނެވެ. އެ ދެމެދުން އެމްޖެންސީ ނަންބަރު ކަމަށް ބުނެ 5 ނަންބަރެއް އެރުވިއެވެ. އިންތިޒާރުގައި ތިބި 14 ބަލި މީހުން ރަތަށް އެރިޔަސް ކުރެވޭނެ ކަމެއް ނެތެވެ. އަތްއުރާލައިގެން އެއްބަޔަކު ތިބި އިރު އަނެއް ބަޔަކު ރުޅިއައިސްގެން ޓޯކަން ނަންބަރު ބޮނޑިކޮށްލާ އެއްލާލުމަށް ފަހު ގެއަށް ދިޔައީ ކައުންޓަރުން ކެނޑި ނޭޅި ދެމުން ދިޔަ ޖަވާބުން ހިތްހަމަނުޖެހި ތިބެއެވެ.
ކައުންޓަރުން ބުނީ، ފްލޫ ކްލިނިކްގައި އިންނެވީ އެންމެ ޑޮކްޓަރެއް ކަމަށެވެ. އެމަޖެންސީ ކޭސްއެއް އަޔަސް ބަލާނީ އެ ޑޮކްޓަރު ކަމަށާއި އެހެންކަމުން ކުޑަކޮށް ލަސް ވެދާނެ ކަމަށެވެ.
ހުމާއި ރޯގާ ފަދަ ބަލިތައް ފެތުރެން ފެށުމުން އައިޖީއެމްއެޗް ފަދަ ހޮސްޕިޓަލެއްގެ ފްލޫ ކްލިނިކެއްގައި އެންމެ ޑޮކްޓަރެއް ބޭންދުން މީ ކޮންކަހަލަ ކަމެއް ހެއްޔެވެ. ފްލޫ ގިނަ ވެއްޖެ ކަން އައިޖީއެމްގެ ބަޔާނުންވެސް އެނގިފައި އޮތް އިރު އެމީހުންނަށް ފްލޫ ކްލިނިކްގައި ބަލަން ތިބޭ ޑޮކްޓަރުން ގިނަ ނުކުރެވުނީމައި ސިއްހީ ހާލަތު އޮތް މިންވަރު ވަޒަންކޮށްލެވެއެވެ.