ކޮވިޑް-19 އާ ގުޅިގެން، އެފްއޭއެމްގެ އިމާރާތުގައި ދެމުންދާ އައިޖީއެމްއެޗްގެ ފްލޫ ކްލިނިކްގެ ހިދުމަތްތައް މާދަމާއިން ފެށިގެން ހުއްޓާލަން އެ ހޮސްޕިޓަލުން ނިންމައިފިއެވެ.

މިފަހުން ރާއްޖޭގައި ކޮވިޑުގެ ކޭސްތައް ދަށްވެފައި އޮތުމަށްފަހު، އިތުރުވެފައިވާ ކަމަށް، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. މާލޭގައި އެއްވަރެއްގައި ކޮވިޑުގެ ކޭސްތައް ހިފެހެއްޓުނު ނަމަވެސް، ރަށްރަށުގައި ކޮވިޑުގެ ކޭސްތައް ވަނީ އިތުރުވެފައެވެ.

މިކަމާ ގުޅިގެން، އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ދަ ޕްރެސް" އަށް ވިދާޅުވީ ފްލޫ ކްލިނިކް ބަންދުކުރަން ނިންމީ، ފަހަކަށް އައިސް ފްލޫ ކްލިނިކަށް ދައްކާ ބަލިމީހުންގެ އަދަދު ދަށަށް ދިއުމުގެ ސަބަބުން، ފްލޫ ކްލިނިކް ހުޅުވާފައި ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުފެންނާތީ ކަމަށެވެ.

އައިޖީއެމްއެޗްގެ އިތުރުން، ސެނަހިޔާގައިވެސް ފްލޫ ކްލިނިކް އެއް ގާއިމް ކޮށްފައި ހުންނައިރު، މާލޭހިޔާ ހިމެނޭ ސަރަހައްދުގައިވެސް ފްލޫ ކްލިނިކެއް ވަނީ ހިންގާފައެވެ.

އިއްޔެގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިތުރު 146 މީހަކު ވަނީ އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭން ޕޮޒިޓިވްވި 33 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 102 މީހުންގެ އިތުރުން، ރިސޯޓުތަކުން ޕޮޒިޓިވްވި 11 މީހުންނެވެ.