މިމަހު 7 ވަނަ ދުވަހުގެ ރޭ މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުދިންތަކެއްގެ މެދުގައި ހިންގި މާރާމާރީގައި އަނިޔާ ލިބުނު ކުއްޖާ ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފިއެވެ.

މި މާރާމާރީ ހިންގީ އެރަށު ބަނދަރު ސަރަހައްދުގައިި 4 ކުދިންގެ މެދުގައެވެ. މި މާރާމާރީގައި އެތަނުން އެއްކުއްޖެއްގެ ބޯފަޅައިގެން ގޮސް ހާލު ގޯސްގެ އިތުރު ފަރުވާއަށް މާލެ ގެނައީ މިމަހު 8 ވަނަ ދުވަހުއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އަނިޔާވި ކުއްޖާގެ މަންމަ ބުނީ ދަރިފުޅަށް އަނިޔާ ލިބިގެން އުޅޭކަން އެނގުނީ އެރޭ 9:30 - 10:00 އާ ދެމެދުގަައި ކަމަށެވެ. ނަމަވެސް ލިބުނީ ކިހާވަރެއްގެ އަނިޔާއެއްކަން އެނގުނީ ހޮސްޕިޓަލަށް ދިޔަފަހުން ކަމަށާއި ފެނުނީ ދަރިފުޅުގެ ބޮލުން ގިނައަދަދަކަށް ލޭ ފައިބަމުންދާ މަންޒަރު ކަމަށެވެ. އެވަގުތު ދަރިފުޅު ފެނިފައި ދިރިހުއްޓާ ދަރިފުޅު ލިބޭނެ ކަމުގެ އުންމީދު ވެސް ގެއްލުނު ކަމަށް އޭނާ ބުންޏެވެ.

ދަރިފުޅު ފެނުނީމަ ވަރަށް ދެރަވެފަ ހިތައް އެރި، ދެން ހިއެއް ނުވޭ އަޅުގަނޑަށް ދެވަނަ ފަހަރަށް ދަރިފުޅު ފެންނާނެ ހެނެއް، އަންނާނެ ކަމަކަށް.
އަނިޔާވި ކުއްޖާގެ މަންމަ

ކުއްޖާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް މާލެ ގެނެސްފައި ވާއިރު އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ރޭ 07:30 ހާއިރު ގެއަށް ދޫކޮށްލާފައިވާ ކަމަށް އެކުއްޖާގެ މަންމަ ބުނެއެވެ. އަދި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށާއި ޓެސްޓުތަކުގެ ނަތީޖާވެސް ރަނގަޅު ކަމަށް އޭނާ ބުނެއެވެ.

އައިޖީއެމްއެޗުން ދިން ފަރުވާ އާ މެދު ހިތްހަމަ ނުޖެހޭ ކަން ފާހަގަކޮށް އެކުއްޖާގެ މަންމަ ބުނީ އައިޖީއެމްއެޗުން ކަންތައް ކުރީ ވަރަށް ފަރުވާ ކުޑަކޮށް ކަމަށެވެ. އެހެން ކަމުން އޭޑިކޭއަށް ވެސް ދަރިފުޅު ދައްކާނެ ކަމަށް އޭނާ ބުންޏެވެ.

ވަރަށް ފަރުވާ ކުޑަކޮށް އައިޖީއެމްއެޗުން ކަންތައް ކޮށްފައި ހުރީ، ފަތިހު 05:30ގައި އެމަޖެންސީކޮށް ވެއްދި ކުއްޖަކަށް ފުރަތަމަ ވެސް ސުވާލުކޮށްލީ އެދުވަހުގެ 11 ޖަހާކަށް ހާއިރު، އެހެންވީމަ އެއީ ރަނގަޅު ގޮތެއް ނޫން، އެހެންވީމަ އެކަންކަމަކާ އެހާ ހިތްހަމައެއް ނުޖެހޭ، އަދި އެތަނުގައި ބައިވަރު ބަލި މީހުން އޮތީމަ، ރަނގަޅު ފަރުވާއެއް ނުލިބި އޮތީ، އެހެންވެ އޭޑީކޭއަށް ދައްކާލަން ބޭނުންވަނީ
އަނިޔާވި ކުއްޖާގެ މަންމަ

މި މާރާމާރީއާ ގުޅިގެން އެކުއްޖާއާ މަންމަ ސުވާލު ކުރުމުން ބުނީ އެ މާރާމާރީ ހިނގީ ފައިސާގެ ކަންތައްގަނޑެއްގައި ކަމަށެވެ. އެކުވެރިންގެ ދެމެދުގައި ހިންގި މި މާރާމާރީގައި، ދަރިފުޅަށް ހަމަލާދިނީ އެ ފައިސާގެ ކަންކަން ދަރިފުޅު ފަޅާ އަރުވާލުމުން، އެކަމުގެ ހިތްހަމަ ނުޖެހުމުގެ ތެރެއިން ކަމަށް މަންމަ ބުނެއެވެ.

މި މައްސަލަ ފުލުހުން ބަލަމުން ދާއިރު، އެމައްސަލަ ކުރިއަށް ގެންދޭވޭނީ ރަށަށް ގޮސްގެން ކަމަށް އޭނާ ބުންޏެވެ. މި މާރާމާރީއާ ގުޅިގެން މާރާމާރީ ހިންގި ކުދިންނާ މެދު އަދި ފިޔަވަޅެއް ނާޅާ ކަމަށް އޭނާ ބުނެއެވެ.