ފަތުރުވެރިކަމުގެ ރަންޔޫބީލް އާއި ގުޅުވައިގެން އުރީދޫ މޯލްޑިވްސްއިން ފަތުރުވެރިންނަށް ހާއްސަ "ގޯލްޑަން އިޔާ ސިމްޕެކް" މިއަދު ތައާރަފު ކޮށްފިއެވެ.

ފަތުރުވެރިންނަށް ހާއްސަކޮށްގެން ތައާރަފު ކުރި މި ސިމް ޕެކް އިފްތިތާހު ކޮށްދެއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.

މި ސިމް ޕެކްގައި އެއް މަސް ދުވަހުގެ ވެލިޑިޓީއަކާއެކު ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމަނާފައި ވާއިރު، ސޯޝަލް މީޑިއާއަށް ހާއްސަ ޑޭޓާވެސް ވަނީ ހިމަނާފައެވެ. މި ޕެކޭޖާއެކު ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކަށް ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނާ ފަސޭހަކަމާއެކު ގުޅުވައިލަދީ ރާއްޖޭގައި ކުރާ ހިތްގައިމު ދަތުރު ހިއްސާކޮށްލެވޭނެއެވެ.

"ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް މުޅި ގައުމު ތައްޔާރުވަމުންދާއިރު އަޅުގަނޑުމެންވެސް މިތިބީ މި އުފަލުގައި ބައިވެރިވެ، މި އަހަރަކީ އިތުރަށް ކުލަގަދަ އަހަރަކަށް ހެދުމުގެ އުއްމީދުގައި. މަގޭ ރާއްޖެ ކަލަންޑަރާއި ގޯލްޑަން އިޔާ ސިމް ޕެކް އަޅުގަނޑުމެން ލޯންޗް ކުރުމަކީ މި އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ފެށުން. އަޅުގަނޑުމެންނަކީ އަބަދުވެސް ރާއްޖޭގެ މުޖުތަމައުތަކަށް ދިރިއުޅުން ފަހިކޮށްދީ ރާއްޖޭގެ ކޮންމެ އުފަލެއްގައި ބައިވެރިވެ ދިވެހިންނާއިއެކު ދެމިތިބޭނެ ބައެއް. އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދިއުން."
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް

ތޮއްޔިބު ވިދާޅުވީ އޫރިދޫގެ ފަރާތުން އިސްނަގައިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލްގެ މުނާސަބާގައި ފަތުރުވެރިންނަށް ހާއްސަކޮށް ތައާރަފްކުރި މި ސިމް ކާޑަކީ ފަތުރުވެރިންނަށް ލިބިގެންދާނޭ ވަރަށް ބޮޑު ފަސޭހައެއްކަން ކަމަށެވެ.

އުރީދޫ މޯލްޑިވްސް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގުޅިގެން ދާއިރާއަށް ބޭނުންވާ އީޖާދީ ހައްލުތަކާއި ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންއަށް މަގުފަހިކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާ ކުންފުންޏެކެވެ. 2020 ވަނަ އަހަރު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އުރީދޫ މޯލްޑިވްސްއިން ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯރކާ މީޑިއާ ގްރޫޕާއި ގުޅިގެން ޑެސްޓިނޭޝަން މާކެޓިން ކެމްޕޭނެއް "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ކެމްޕޭނެއް، ދުނިޔޭގެ 10 ގައުމެއްގައި ތިބި 117 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފަށާފައެވެ.

ޕެންޑެމިކް އާއި ގުޅިގެން ކުރިމަތިލާންޖެހުނު ގޮންޖެހުންތަކާއެކުވެސް، ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކް ހޯލްޑަރުން ގުޅިގެން ކުރި މަސައްކަތުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.