މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު، ޑރ. އަނާރާ ނައީމް އަދާލަތު ޕާޓީން ވަކިވެވަޑައިގެންފިއެވެ.

އަނާރާ މިއަދު ވަނީ އަދާލަތު ޕާޓީން އޭނާ ވަކި ކޮށްދެށްދިނުމަށް އެދިވަޑައިގެން އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ސިޓީއެއް ފޮނުއްވާފައެވެ.

ވޭތުވެ ދިޔަ ދުވަސްތަކުގައި މަނިކުފާނާއި ޕާޓީގެ އެންމެހާ މެންބަރުންގެ ފަރާތުން އަޅުގަނޑަށް ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ނިޔާޔަތަަށް ޝުކުރު އަދާކުރަމެވެ.
އަނާރަ އިމްރާނަށް ފޮނުއްވެވި ސިޓީގައި

އޭނާ އެ ޕާޓީން ވަކިވެވަޑައިގަންނަވަން ނިންމެވި ސަބަބެއް ސިޓީގައި ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް "ދަ ޕްރެސް" އަށް އެނގިފައިވަ ގޮތުން އޭނާ ގުޅިވަޑައިގަންނަވަނީ ޕީޕީއެމް އާއެވެ. އަދި 2024 ގެ މަޖިލީސް އިންތިހާބުގައި ވާދަކުރައްވަން އޭނާ ވިސްނުން ގެންގުޅުއްވާކަންވެސް ވަނީ އެނގިފައެވެ.

އަދާލަތު ޕާޓީން ވަކިވެވަޑައިގެންނެވި ނަމަވެސް ސިޔާސީ ދާއިރާ ދޫކޮށްލެއްވުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑރ. އަނާރާ ސިޔާސީ މައިދާނުގައި ފުރަތަމަ މަސައްކަތް ކުރެައްވަން ފެއްޓެވީ އަދާލަތު ޕާޓީގެ ތެރެއިންނެވެ. މިގޮތުން އެ ޕާޓީގެ މެންބަރެއް ގޮތުގައި އޭނާ ވަނީ 13 ވަރަކަށް އަހަރު ހޭދަ ކުރައްވާފައެވެ.