ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުނުކުރެވޭނެކަމަށް ވިދާޅުވެ ވެރިކަންކުރާ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެމްޑީޕީއަށް 'ޗެލެންޖް'ކުރައްވައިފިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން މޯލްޑިވްސް ޑިމޮކްރަޓިކް ޕާރޓީ (އެމްޑީޕީ) އާއި އަލުން ގުޅިވަޑައިގެންފައި ވާއިރު ޑިމޮކްޓްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ވަނީ ގަރާރެއް ހުށަހަޅާފައެވެ.
އެ ގަރާރުގައި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމުގެ އިތުރުން ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ބުނެފައިވެއެވެ. އަދި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް އެ ގަރާރުގައި ވެއެވެ. އެހެންކަމުން މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.
"ވެރިކަން ކުރި އެ ޕާޓީގެ ކުރީގެ ރައީސް، ރައީސް ނަޝީދު ފުރަތަމަ ވިދާޅުވީ ރޫޅާލާނަމޭ. ތެދެއް އެއީ. ރޫޅާލި 2023ގަ. ރޫޅާލި! ރައީސް ނަޝީދު ވިދާޅުވި ގޮތަށް ރޫޅާލާފަ އެއްލާލީ! މިހާރު ރާވަން އެ ވަޑައިގަތީ. އަނެއްކާ ރާވާނެ. އަޅުގަނޑުމެން ތިބޭނެ އެމްޑީޕީއަށް ފަސް ފަނި ފޮނުވާފަ. ލޯކަލް ކައުންސިލް އެއްކޮށް ގެއްލުވާލާނަން" ފަލާހު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަލާހު ވަނީ ނަޝީދު އަލުން އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ނިންމެވުމާއެކު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ފަލާހު ވިދާޅުވީ ނަޝީދު އެނބުރި އެމްޑީޕީއަށް އެ ވަޑައިގަންނަވަނީ އެމަނިކުފާނު ރޫޅާލައި، އެއްލައިލި ޕާޓީ އަލުން ރާވަން ކަމަށެވެ.