ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެގައުމަށް ފޮނުވާލަން ގޮވާލައި، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ދަށުން، ހުޅުމާލެއާއި އައްޑޫގައި މިއަދު ހަރަކާތްތައް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހަވީރު އައްޑޫ ފޭދޫގައި އިންޑިއާ އައުޓް ކެމްޕޭންގެ ދަށުން ބޭއްވި ހަރަކާތުގައި ބައިވެރިވި މީހުން ވަނީ އައްޑޫގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޭބުމަށް ގޮވާލާފައެވެ. އެހެން ނަމަވެސް ހުޅުމާލޭގައި ކުރިއަށް ދިޔަ ހަރަކާތަށް ހުރަސްއަޅައި ފުލުހުން ވަނީ ހުޅުމާލޭގައި އެ ހަރަކާތް ހުއްޓުވައި ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.

ހުޅުމާލެ ހަރަކާތުން މީހަކު ހައްޔަރު ކުރަނީ / ފޮޓޯ: ޕީޕީއެމް

ހުޅުމާލޭގައި ކުރިއަށް ދިޔަ ހަރަކާތް ހުއްޓުވި ނަމަވެސް، ފޭދޫގައި ކުރިއަށް ދިޔަ ހަރަކާތެއް ނުހުއްޓުވައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭން ރަށްރަށަށް ފުޅާކުރުމުގެ ގޮތުން، ޔާމީން ވަނީ ރަށްރަށަށް ވަޑައިގަންނަވަން ފަށްޓަވާފައެވެ. އެގޮތުން މިދިޔަ ހަފްތާ ބަންދުގައި ކ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންނެވިއިރު، އިއްޔެ އެމަނިކުފާނު ވަނީ ފ. ނިލަންދުއަށް ވަޑައިގެން، އެ ރަށުގައި ހިންގި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންފައެވެ.

ނިލަންދޫގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށާއި ޖެހިގެން އޮތް އަހަރު ބޭއްވި މަޖިލީހުގެ އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވިކަމަށް ކުރައްވާ ތުހުމަތުތައް އާކުރައްވާފައެވެ. އަދި ޔާމީން ވިދާޅުވީ، އެމްޑީޕީއަށް އިންޑިއާ ދޫކޮށްނުލެވިގެން މި އުޅެނީ، އެމަނިކުފާނުގެ ވެރިކަން ބަދަލުކުރަން 2018 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ސަބަބުން ކަމަށެވެ.

"އިންޑިއާ އައުޓް" ކެމްޕޭނާ ދެކޮޅަށް ސަރުކާރަށް ނިސްބަތްވާ ބައެއް އިސްވެރިންނާއި މަޖިލީހުގެ ބައެއް މެމްބަރުން ވާހަކަ ދައްކަވާފައިވާއިރު، މި ހަރަކާތް ކުރިއަށް ގެންދަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ.