މަސްވެރިކަން ރަނގަޅުވެ، ކިރުވަން ޖެހިފައިވާ މަސްތައް ގިނަވުމުގެ ސަބަބުން މިފްކޯ ފުރި، ބާރު ބޮޑުވެ މަސް ކިރުން ކޮންޓްރޯލް ކޮށްފިއެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބުނީ، މަސްވެރިކަން މިދުވަސްވަރު ރަނގަޅުވެ، އެއް ސަރަހައްދަކަށް ރަށްރަށުގެ މަސްދޯނި ފަހަރު އައިސް މަސް ބާނައި ކިރުވަން ޖެހިފައި ވާތީވެ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

އެހެންވެ، މަސްދޯނި ފަހަރު ކިޔޫގައި މަޑުކުރަން ޖެހޭ ވަގުތު ކުޑަކުރުމުގެ ގޮތުން ހުކުރު ދުވަހުވެސް މަސް ކިރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ. ހުކުރު ދުވަހަކީ އާންމުކޮށް މަސް ކިރާ ދުވަހަކަށް ނުވި ނަމަވެސް، މިދިޔަ ހަތަރު ހަފްތާގައި މިފްކޯއިން ހުކުރު ދުވަހު މަސް ކިރުވާފައި ވެއެވެ.

މިފްކޯއިން ބުނި ގޮތުގައި މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖް ފުރުމުގެ ސަބަބުން، ކެރިއާ ބޯޓުތައް މެދުވެރިކޮށް މަސް ބޭރުކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން، ކޮންމެ ދޯންޏަކުން މަސް ކިރުވާ ވަރު ކޮންޓްރޯލް ކޮށް، މިފްކޯއިން ވަނީ ކޮންމެ ދޯންޏަކުން ފަސް ޓަނުގެ މަސް ކިރުވާ ގޮތަށް ނިންމާފައެވެ.

މިދިޔަ އަހަރު މިފްކޯއިން ވަނީ 49،000 ޓަނުގެ މަސް ގަނެފައެވެ. އެ އަދަދު މިއަހަރު 56،000 ޓަނަށް އިތުރުވެފައިވާއިރު، މިމަހުގެ މިހާތަނަށް އެކުންފުނިން 8،000 ޓަނުގެ މަސް ގަނެފައިވެއެވެ.

މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރަކުވެސް މަސް ކިރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭތީވެ، މިފްކޯއިން މަސް ކިރުވާ ވަރު ކޮންޓްރޯލް ކުރަން ޖެހެއެވެ. އެކުންފުނިން މީގެ ކުރިން ބުނީ، އެކަމަށް ހައްލެއް ލިބޭނީ އެކުންފުނީގެ ކެޕޭސިޓީ އިތުރުކުރެވިގެން ކަމަށެވެ.