އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގާފައިވާ ގޯސްތައް ފޮރުވަން ވެގެން އެމަނިކުފާނު ހިންގަވާ "ޖަރީމާއެއް" ކަމަށް އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބެން އެންއެމްޕީން ވެސް ތާއީދު ނުކުރާ ކަމަށެވެ. އެހެންނަމަވެސް އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާފައިވާ ގޯސްތައް ފޮރުވަން ވެގެން އެމަނިކުފާނު ހިންގަވާ "ޖަރީމާއެއް" ކަމަށެވެ.

ނާޒިމު ވަނީ އެ ހަރަކާތުގައި އެއްވެސް ރައްޔިތަކު ބައިވެރިނުވާން އިލްތިމާސް ކުރައްވާފައެވެ.

"އެއީ ގައުމީ ކެމްޕޭނެއް ގޮތަކު އަޅުގަނޑުމެން ނުދެކެން، އެއީ ދިވެހި އިގްތިސާދަށް ވެސް ގެއްލުން ލިބޭ ގޮތަށް، އެއްވެސް ވިސްނުމެއް ނެތި ކުރާ ކަމެއް، އޭގައި އެއްވެސް ރައްޔިތަކު ބައިވެރިނުވާން އަޅުގަނޑުމެން އިލްތިމާސް ކުރަން،"
އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް

އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، ސަރުކާރުގެ ހާރިޖީ ސިޔާސަތު ގޯސްވެގެން ވަކި ގައުމަކަށް ބަރޯސާވެގެން އުޅުމަކީ އެ ގައުމަކާ ދެކޮޅަށް ނުކުންނަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. މީގެ އިތުރުން އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވެސް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިންޑިއާ ސިފައިން ތިބިއިރު އެ ކަން ބޭންފުޅުވި ނަމަ އެ ކަން އޭރު ވެސް ކުރައްވާނެ ކަމަށެވެ.

"އިންޑިއާ އައުޓް" ޝިއާރުގައި އިދިކޮޅު ކޯލިޝަނުން އަންނަނީ މާލެއާއި އަތޮޅުތެރޭގައި ހަރަކާތްތައް ހިންގަމުންނެވެ. އެ ހަރަކާތްތަކުގައި މިނިވަންވެ ވަޑައިގަތް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އެ ގޮތުން ކ. ގުރައިދޫގައި ކުރިއަށް ގެންދިޔަ އިދިކޮޅުގެ ހަރަކާތާއި ކ. ތުލުސްދޫގައި ބޭއްވި ހަރަކާތުގައިވެސް ރައީސް ޔާމީން ވަނީ "އިންޑިއާ އައުޓް" ޖަހާފައި އޮތް ޓީޝާޓު ތުރުކުރައްވައިގެން ބައިވެރިވެ ވަޑައިގެންފައެވެ.

ސަރުކާރުގެ ބައެެއް ވެރިންނާއި ސަޕޯޓަރުން މިކަމާ އަންނަނީ ފާޑުކިޔަމުންނެވެ.