ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ މައްޗަށް 35،365 ރުފިޔާގެ ދަރަންޏެއް ސާބިތުވެ، އެ ފައިސާ އެއް މަސްދުވަހުގެ ތެރޭ ދައްކާ ނިންމަން ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ނަރީޝްގެ މައްޗަށް ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާއަކީ އަބްދުއްރަހުމާން އިދުރީސް ނަމަކަށް ކިޔާ މީހެއްގެ އަތުން ނަރީޝް ދެ ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ނެގުމަށް ފަހު ފައިސާ ނުދައްކައިގެން ކޮށްފައިވާ ދައުވާއެކެވެ. އެ ދައުވާ ކޮށްފައި ވަނީ، އެތަނުގެ ކުލިން ނުލިބި ހުރި ފައިސާ އާއި ކަރަންޓާއި ފެން ބިލަށް ނުދައްކާ އޮތް 98،865 ރުފިޔާ ހޯދުމަށެވެ.
މި މައްސަލައިގެ ޑިސްޕިއުޓް ރިސޮލިއުޝަން މަރުހަލާގައި އެ ދައުވާއަށް އިންކާރު ކުރައްވައި ނަރީޝް ވިދާޅުވީ، ދައުވާކުރާ ފަރާތަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ. ނަމަވެސް މިދިޔަ މޭ މަހުގެ 29 ގައި އޮތް އަޑުއެހުމުގައި އޭނާއަށް 35،365 ރުފިޔާ ދޭންޖެހޭ ކަމަށާއި، އެ ފައިސާ ދައްކަން ހަ މަސްދުވަސް ދިނުމަށް ނަރީޝް ވަނީ އެދިވަޑައިގެންފައެވެ.
ސިވިލް ކޯޓުން މިދިޔަ ހޯމަދުވަހު ކުރި ހުކުމްގައިވާ ގޮތުން ނަރީޝާއި އެކު އެޕާޓްމަންޓް ކުއްޔަށް ދޫކުރި މީހާ ހަދާފައިވާ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ފައިސާ ހުރިކަން އެނގެން އެބައޮތެވެ. އަދި މައްސަލަ ހިނގަނިކޮށް މިދިޔަ އޭޕްރިލްގައި އެޕާޓްމަންޓް ކުއްޔަށް ދިން މީހާއަށް 35،000ރ. ފޮނުވާފައި އޮތް ކަން އެނގެން އެބައޮތް ކަމަށްވެސް ހުކުމްގައި ވެއެވެ. އަދި ޑިޕޮސިޓްގެ ގޮތުގައި ނަރީޝް ދައްކަވާފައިވާ 28،000ރ. އެމީހާގެ އަތުގައި އޮތުމުން، ބާކީ ދައްކަންޖެހޭނީ 35،365ރ. އެވެ.
އެހެންކަމުން އެ ފައިސާ ދައްކާ ނިންމަން ހަ މަހުގެ މުއްދަތެއް ދޭން ނަރީޝް އެދިވަޑައިގެންފައިވީ ނަމަވެސް، އެ ފައިސާއަކީ 2017 އިން ފެށިގެން އެޕާޓްމެންޓް ކުއްޔަށް ދޫކުރި މީހާ ހޯދަމުންދާ ފައިސާއަށް ވާތީ އެއް މަސް ދުވަހުގެ ތެރޭ އެ ފައިސާ ދައްކަން ސިވިލް ކޯޓުން ވަނީ ނަރީޝްގެ މައްޗަށް ހުކުމް ކޮށްފައެވެ.