ރާއްޖޭގައި ގާއިމްވެފައިވާ އިންޑިއާ ސިފައިން އަނބުރާ އެގައުމަށް ފޮނުވާލުމަށް ގޮވާލައި، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތާ ގުޅުވާ މާލޭގެ މަގުތައް މައްޗަށް ގިނަ އަދަދެއްގެ ކަރުދާސްތަކެއް އަޅައިފިއެވެ.

ރޭ ދަންވަރު ވެމްކޯގެ މުވައްޒަފުން މާލޭގެ މަގުތައް ސާފުކޮށްފައި ވަނިކޮށް، ދިވެހިންނާއި އިނގިރޭސިން "އިންޑިއާ އައުޓް" ޖަހާފައިވާ ގިނަ އަދަދެއްގެ ކަރުދާސް އަޅާފައިވާ ސަރަހައްދުތަކުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެގޮތުން ބައެއް ބޮޑެތި މަގުތަކަށް ކަރުދާސްތައް އަޅާފައިވާކަން ފޮޓޯތަކުން ފެންނަން އެބަހުއްޓެވެ.

"އިންޑިއާ އައުޓް" ޖަހާފައިވާ ކަރުދާސްތައް މަގުތައް މައްޗަށް އަޅާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މި ކެމްޕޭން އިތުރަށް ފުލާކުރުމަށްޓަކައި އިރުޝާދު ދެއްވައި، އަދި "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ޕެޓިޝަނަށް ސޮއި ހޯދުމަށްޓަކައި އެމަނިކުފާނާއި އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުން ރަށްރަށަށް ދަތުރުކުރައްވަން ތައްޔާރުވެފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން އާންމުން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވާއިރު، ބައެއް ފަރާތްތަކުން ވަނީ އިދިކޮޅު ކޯލިޝަނަށް ފާޑުކިޔައިފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން، ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، ކޯލިޝަނުގެ ފަރާތުން މިފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. ހަމަ އެއާއެކު، މިކަމާ ގުޅޭގޮތުން ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން ސިޓީ ކައުންސިލަށް މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް، މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވިއެވެ

މިދިޔަ ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޔާމީން ވަނީ އިންޑިއާއައުޓް ކެމްޕޭނަކީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ފެށި ކެމްޕޭނެއް ކަމަށް ވިދާޅުވެ، އެ ކެމްޕޭނުގެ ޒިންމާ އުފުއްލަވާފައެވެ.

އެ ޖަލްސާގައި ޔާމީން ވަނީ، އިންޑިއާ ސިފައިން ރާއްޖޭން ފޭބުމަށް ގޮވާލައްވާފައެވެ. އަދި ރާއްޖެއަކީ އިންޑިއާގެ އަވަށެއް ނޫން ކަމަށާއި ރާއްޖެ ބެލެހެއްޓުމުގެ ނަމުގައި ރާއްޖޭގައި އިންޑިއާ ސިފައިންނަށް ނުތިބެވޭނެ ކަމަށާއި އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި އެއްވެސް ޖާގައެއް ނެތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން. އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ޖާގައެއް ނެތް. މިހާރު ރަސްމީކޮށް އަޅުގަނޑު މި ދަންނަވަނީ. ކުރީގެ ރައީސްކަން ކޮށްފައި ހުންނަ މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ. ޕީޕީއެމް އާއި ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން މި ދަންނަވަނީ. އެތައް ސަތޭކަ ބަޔަކު ތަމްސީލުކުރާ ލީޑަރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ އިންޑިއާގެ މިލިޓަރީގެ އެންމެ މީހެއްވެސް އެންމެ ބޫޓްގެ އޯޑަރެއްވެސް އަޅުގަނޑުމެންގެ މި ފަސްގަނޑުގައި ހުންނާކަށް ބޭނުމެއް ނުވޭ
އަބްދުالله ޔާމީން އަބްދުލްގައްޔޫމް, ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރު

އެ މައުޟޫގައި އިތުރަށް ޔާމީން ވިދާޅުވީ، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރަކީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ގަވަރުނަރު ނޫން ކަމަށާއި އަދި މިއީ އިންޑިއާގެ ޓައުނެއްވެސް ނޫން ކަމަށެވެ.