ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މާލޭ މީހުންނަށް ހާއްސަކޮށް 1،700 ހައުސިން ޔުނިޓު އަޅަން ފެށި މަޝްރޫއަށް ދޭން އެއްބަސްވެފައިވާ ލޯނު ނުދޭނެ ކަމަށް ބޭންކް އޮފް ޗައިނާއިން އަންގައިފިއެވެ.

ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު ހާމަކުރާ އައިލްސް ވެބްސައިޓުގައިވާ ގޮތުން، މި މަޝްރޫއަށް ބޭނުންވާ 308 މިލިއަން ރުފިޔާގެ ތެރެއިން 85 ޕަސެންޓު ދޭނެ ކަމަށް މީގެ ކުރިން ބޭންކް އޮފް ޗައިނާއިން އެއްބަސްވެފައި ވީ ނަމަވެސް، އެ ބޭންކުން މިހާރު ވަނީ ފައިނޭންސް ނުދޭން ނިންމާފައެވެ.

އެހެންކަމުން، މި މަޝްރޫއު ހަވާލުކޮށްފައިވާ ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުނިން މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އެހެން ބޭންކުތަކާ މަޝްވަރާ ކުރަމުން ދާ ކަމަށް، އެ ވެބްސައިޓުގައި ބުނެފައިވެއެވެ.

މި މަޝްރޫއަކީ އަތްފޯރާ ފަށުގައި އާންމުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ ދަށުން މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި މިދިޔަ މާޗު މަހު ފުރަތަމަ ބިންގާ އެޅި ތަނެވެ. މި މަޝްރޫއުގެ ދަށުން 15 ބުރިއާއި 16 ބުރީގެ 11 ޓަވަރެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް، އެޗްޑީސީއާ ހަވާލުކޮށްގެން ކުރީ ސަރުކާރުން އަޅަން ނިންމި 2،500 ފްލެޓުގެ ޑިޒައިނަށް ގެނައި ބަދަލާއެކު، މި ސަރުކާރުން ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ދަށަށް މި މަޝްރޫއު ބަދަލުކޮށް، 1،700 ފްލެޓަށް އަދަދު ދަށްކޮށްފައެވެ. އެ ޓަވަރުތަކުގައި ހިމެނެނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1،020 އެޕާޓްމަންޓާއި، ދެ ކޮޓަރީގެ 650 އަކަފޫޓުގެ 680 އެޕާޓްމަންޓެވެ.

އަންނަ އަހަރުގެ ޖޫން މަހު ފަށާ މި މަޝްރޫއު ދެ އަހަރު ދުވަހުގެތެރޭ ނިންމަން ލަފާކޮށްފައި ވީ ނަމަވެސް، މި މަޝްރޫއަކަށް ފައިސާ ހަމަނުޖެހޭތީ ވަނީ ލަސްވެފައެވެ.

މިކަމާ ގުޅިގެން ސަރުކާރުން އަދި އެއްޗެއް ނުބުނެއެވެ.