މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒުކުރި ދުވަހުން ފެށިގެން މިނިވަންވުމާ ހަމައަށް، ކުރީގެ ރައީސުންނަށް ދޭންޖެހޭ އިނާޔަތް ހަމަޖައްސައިދިނުމަށް އެދި، ޔާމީނުގެ ވަކީލުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާފައިވަނީ މީގެ ދެއަހަރު ކުރިން ނޮވެމްބަރު 28 ގައެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު އެ ހުކުމް ބާތިލްކުރުމުން ޔާމީން ވަނީ މިނިވަންވެފައެވެ.

އެއާއެކު، ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ދަށުން އެމަނިކުފާނަށް ދައުލަތުން ދޭންޖެހޭ ސެކިއުރިޓީ އާއި އިނާޔަތްތައް އަލުން ދޭން ވަނީ ފަށާފައެވެ. އެއީ ބަންދުގައި ހުންނެވި ދުވަސްތައް ނުހިމަނައެވެ.

ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ޔާމީނުގެ ވަކީލުން ވަނީ އެމަނިކުފާނު ޖަލުގައި ހުންނެވި މުއްދަތުގައި ދޭންޖެހޭ އިނާޔަތްތައް ހަމަޖައްސައިދިނުމަށް އެދިފައެވެ. ވަކީލުން ދެކޭ ގޮތުގައި ޔާމީން ޖަލަށް ލާފައިވަނީ ނުހައްގުންނެވެ. ޔާމީން ޖަލުގައި ހުންނެވި މުއްދަތަށް އިނާޔަތް ދޭނަމަ 6.6 މިލިއަން ރުފިޔާ ދޭން ޖެހޭނެއެވެ.

ޖަލުގައި ޔާމީން ހުންނެވި މުއްދަތަށް އިނާޔަތްތައް ހަމަޖައްސައިދިނުމަށް އެދި މިދިޔަ ހަފްތާގައި ޔާމީންގެ ވަކީލުންގެ ފަރާތުން ސިޓީއެއް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު ލަމްއާން ވަހީދު ވަނީ ވިދާޅުވެފައެވެ. އަދި އެކަމާ މެދު ގޮތެއް ނުނިންމާ ކަމަށާއި، ގޮތެއް ނިންމުމަށްފަހު ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީނަށް ލިބޭ އިނާޔަތްތައް (މަހަކު):

  • މާލީ އިނާޔަތް: 50،000ރ. (ދައުރަކަށް)
  • ތަނުގެ ހަރަދު: 50،000ރ.
  • އޮފީސް ހަރަދު: 175،000ރ.
  • ބޭސްފަރުވާގެ ހަރަދު: 700،000ރ.
  • ޖުމްލަ: 975،000ރ.

ކުރީގެ ރައީސުންގެ ގާނޫނުގައިވާ ގޮތުން، ރައީސްކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެއްޖެ ނަމަ، އެވަގުތުން ފެށިގެން އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިދޭ ރައްކާތެރިކަމާއި އިނާޔަތްތައް މެދުކެނޑޭނެއެވެ. އެހެންކަމުން ޔާމީން ޖަލަށް ވަޑައިގަންނަވަންދެން އެމަނިކުފާނަށް ދައުލަތުން ރައްކާތެރިކަމާއި އިނާޔަތްތައް ދީފައިވެއެވެ.

ޔާމީންގެ މައްޗަށް މިހާރު އެއްވެސް ޖިނާއީ ކުށެއް ސާބިތުވެފައި ނެތް ނަމަވެސް،، ޕީޖީން ވަނީ މީގެ ދުވަސްކޮޅެއް ކުރިން މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް ޔާމީނުގެ މައްޗަށް އުފުލައި، ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ.