ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިއްޔެ ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވާއިރު، އެ މައްސަލަ އިސްތިއުނާފު ކުރި މުއްދަތުގައި ގިނަ ދުވަސްތަކެއް ވެ ޔާމީން ބަންދުގައި ބެހެއްޓުމަށް ފަހު، ތުހުމަތުތަކުން ބަރީއަވެވަޑައިގަތުމުން، ބަންދުގައި ހުންނެވި މުއްދަތުގައި އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ގެއްލުމުގެ ބަދަލު ދައުލަތުން ދޭންޖެހޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެ، ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލާގައި އިއްޔެ ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު، ޔާމީން ވަނީ މިނިވަންވެވަޑައިގެންފައެވެ. އެއާއެކު ދެން ދެކެވެން ފެށީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ބައިވަރު މައްސަލަ ހުރި ވާހަކަތަކެވެ.

އެކަމާ ގުޅިގެން ޑރ. ދީދީ ވިދާޅުވީ، ޔާމީންގެ މައްޗަށް ދައުލަތުން އުފުލީވެސް އުންސުރު ފުރިހަމަނުވާ، ބާތިލް ދައުވާއެއް ކަމަށެވެ. އެހެންވެ، ސިޔާސީ މައިދާނުން ޔާމީން އެކަހެރިކުރުމަށް ދައުލަތުން މަސައްކަތް ކޮށްފައިވާ ކަން ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުން ފާހަގަވާ ކަމަށެވެ.

ޑރ. ދީދީ ވިދާޅުވި ގޮތުގައި ޔާމީނަށް ކޮށްފައިވާ ތުހުމަތުތަކުން އެމަނިކުފާނު ބަރީއަވެވަޑައިގަތުމުން، އިސްތިއުނާފީ މައްސަލާގައި ބެސްޓް ޕްރެކްޓިސްގެ އުސޫލުތަކާ ހިލާފަށް ޔާމީން ގިނަ ދުވަސްވަންދެން ބަންދުން ދޫނުކޮށް އޮތުމުގެ ސަބަބުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ގެއްލުން ދައުލަތުން ދޭންޖެހޭނެ ކަމަށާއި، މިކަމަކީ ވިލާތު ބައްރުގެ އިންސާނީ ހައްގުތަކާ ބެހޭ ކޯޓުތަކުގެ ނިންމުންތަކުންވެސް އެނގެން އޮންނަ ކަމެއް ކަމަށެވެ.

އަދި ރާއްޖޭގެެ ޖިނާއީ އަދުލުގެ ނިޒާމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ބޭނުންވާ އިސްލާހުތައް ލަސްނުކޮށް ގެންނަންޖެހޭ ކަމަށްވެސް އިއްޔެ ކުރި ހުކުމުން ހާމަވާ ކަމަށާއި، އެގޮތުން އެންމެ ފުރަތަމަވެސް އިސްލާހުކުރަން ޖެހޭނީ ކޯޓުތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޖޭއެސްސީ އާއި ޕީޖީ އޮފީސް ކަމަށް ޑރ. ދީދީ ފާހަގަ ކުރެއްވިއެވެ.

ޔާމީންގެ މައްޗަށް ނޮވެމްބަރު 29، 2019 ގައި ކްރިމިނަލް ކޯޓުން ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުން، ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށް، ފަސް މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައެވެ. އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިގަތީ މިދިޔަ އޭޕްރިލް މަހުގެ 19 ގައެވެ. އަދި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ސެޕްޓެމްބަރު 12 ގައި ފަށާފައި ވާއިރު ޖުމްލަ 8 އަޑުއެހުމެއް ވަނީ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ.

އިއްޔެ ޔާމީން މިނިވަންވި ދައުވާ އަކީ، ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ކޮށްފައި ވާ ފަސް އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) ޖޫރިމަނާ ދައްކަން ކުރި ދައުވާއެވެ.