ޗައިނާއިން ޓައިވާނަށް ހަމަލާދޭތަން ބަލަން ޖަޕާނާއި އެމެރިކާއިން ނުތިބޭނެ ކަމަށާ މިކަން ޗައިނާއަށް ވިސްނެން ޖެހޭ ކަމަށް ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝީންޒޯ އަބޭ ވިދާޅުވެއްޖެއެވެ.

އަބޭ މިހެން ވިދާޅުވެފައި ވަނީ ޗައިނާއާއި ޓައިވާންގެ މަސްރަހު ހޫނުވެ ދެ ފަރާތުން ވެސް ވަރުގަދަ ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޓައިވާންގެ ޖަމާއަތަކުން އިންތިޒާމުކުރި ވާޗުއަލް ފޯރަމެއްގައި ވާހަކަ ދައްކަވަމުން އަބޭ ވިދާޅުވީ، ޗައިނާއިން ޓައިވާނަށް ހަމަލާ ދިނުމަކީ އެކަމުގެ ސަބަބުން ޖަޕާނުގެ ސަލާމަތް ވެސް ނުރައްކާލުގެ ތެރެއަށް ވެއްޓިގެންދާނެ ފަދަ ކަމެއް ކަމަށެވެ.

އަދި ޓައިވާނަށް އަންނަ ކުއްލި ހާލަތަކީ ޖަޕާނަށް ވެސް އަންނަ ކުއްލި ހާލަތެއްގައި ކަމަށާ މިއީ ޖަޕާނާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުމަށް ވެސް އަންނާނެ ކުއްލި ހާލަތެއް ކަމަށް އަބޭ ވިދާޅުވިއެވެ.

އަބޭ ވިދާޅުވީ، ޗައިނާއިން އަދި ހާއްސަކޮށް އެގައުމުގެ ރައީސް ޝީ ޖިންޕިންއަށް މިކަން ވިސްނިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

ޖަޕާނުގައި އެމެރިކާގެ ދެ އަސްކަރީ މަރުކަޒެއް ހިންގާ އިރު ޓައިވާން އަމިއްލަ ދިފާއުގައި ހަނގުރާމަ ކުރަން ޖެހޭ ދުވަހަކުން ޓައިވާނަށް އެހީވުމަށް އެމެރިކާގެ ގާނޫނު ލާޒިމްކުރެއެވެ.

މިދިޔަ މަހުގެ އެމެރިކާގެ ހާރިޖީ ވަޒީރު އެންތޮނީ ބިލިންކިން ވިދާޅުވީ، ޗައިނާއިން ޓައިވާންގައި ބާރުގައި ބޭނުންކޮށްފިނަމަ އެމެރިކާއާއި އެގައުމަށް ވާގިދޭ ގައުމުތަކުން ޗައިނާއާ ދެކޮޅަށް ފިޔަވަޅުތައް އަޅަން މަޖްބޫރުވާނެ ކަމަށެވެ.