މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފިއެވެ.

ބޭސްފަރުވާއަށް ކަމަށް ބުނެ، މިއަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތަށް ވަޑައިގަތް އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން އަމުރު ނެރެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދު ހައްޔަރުކޮށްގެން ގެނައުމަށް އަމުރެއް ނެރެފައި ވާއިރު، އޭނާ ޝަރީއަތަށް ހާޒިރުނުވާ މައްސަލާގައި މިދިޔަ ހޯމަ ދުވަހު އޮތް އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ވިދާޅުވީ، އަލީ ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް އަމުރެއް ނެރުއްވާނެ ކަމަށެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އެ އަމުރާ ގުޅިގެން ފުލުހުން ކުރަންޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށް ބުންޏެވެ.

ތިން ދުވަހުގެ ތެރޭ އަލީ ވަހީދު ހާޒިރުނުވެއްޖެ ނަމަ، އޭނާ ބޭސްފަރުވާއަށް ފުރުވާލުމުގައި އެހީތެރިވި ޔޫތު މިނިސްޓްރީގެ ސްޓެޓް މިނިސްޓަރު އަސްހަދު އަލީއަށް ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.

ކޯޓުތަކަށް ފިއްލަވައި ހުރުމަތް ކަނޑާ މައްސަލައާ ގުޅިގެން އަލީ ވަހީދު ދެ މަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްވެސް ކޮށްފައިވެއެވެ.