ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖޫރިމަނާކުރި އަދަދު މަތިކޮށްފައިވަނީ ރަނގަޅަކަށް ނޫން ކަމަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު މަހާޒް މިހެން ވިދާޅުވީ ސުޕްރީމު ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުމަށް މިހާރު ކުރިއަށްދާ ޝަރީއަތުގައެވެ.

މިގޮތުން ފަނޑިޔާރު މަހާޒް ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމް އިއްވިއިރު ޖޫރިމަނާގެ ގޮތުގައި 5 މިލިއަން ޑޮލަރު ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އެ މައްސަލާގައި ހައިކޯޓުން އެ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދަމަހައްޓާފައިވަނީ ރަނގަޅަށް ކަމުގައިވެސް ނުދެކޭ ކަމަށް ވެސް މަހާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޖޫރިމަނާ ބޮޑު ކުރި ކުރުން ބަލައި ނުގަނެވޭ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު މަހާޒު ވިދާޅުވީ ޔާމީންގެ މައްޗަށް އުފުލައިފައިވާ މަނީ ލޯންޑަރިންގެ ދައުވާއިން އެމަނިކުފާނު ދިފާއު ވުމަށް ލިބިދީފައިވާ ހައްގަށް އުނިކަމެއް އައިސްފައި ނުވާ ކަމަށާއި ދިފާއުވުމުގެ ހައްގަށް އުނިކަމެއް އައިސްފައިވާ ނަމަ އޭނާގެ ރައުޔު ތަފާތު ވާނެ ކަމަށެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުން، ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށް، ފަސް މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައިވަނީ ނޮވެމްބަރު 29، 2019 ގައި ކްރިމިނަލް ކޯޓުންނެވެ.