މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ތުހުމަތުތަކުގައި ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލް ކޮށްފިއެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަކީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއެކެވެ. މި ހަތް ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ ހެނދުނު 11 ޖަހާއިރަށެވެ.
މިވަގުތު ރާއްޖެ އިން ބޭރުގައި ހުންނެވި އަލީ ވަހީދުގެ ޝަރީއަތެއް މި ބާއްވަނީ ދައުވާ ލިބޭ މީހަކު ރާއްޖެ އިން ބޭރުގައި ހުރެގެން، ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ޝަރީއަތް ކުރިއަށް ނުގެންދަން ސުޕްރީމް ކޯޓުން މިދިޔަ މަހުގެ ތެރޭގައި އަމުރުކޮށްފައި ވަނިކޮށެވެ.
އެ ކޯޓުން މިގޮތަށް ނިންމީ ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރުގައި ހުންނަަވައިގެން ޝަރީއަތުގައި ބައިވެރިވެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމުން ނެރުނު އަމުރެއްގައެވެ.
މި މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވާން އަލީ ވަހީދަށް ޗިޓު ފޮނުވުމުން ހާޒިރުވެފައި ނުވާތީ މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ އޭނާ އެ ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ބަލައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން އިނގިރޭސިވިލާތުގައި ހުންނަވައި އޮންލައިން ކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީއަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން މި ރާއްޖޭގައި މިވަގުތު ޝަރުއީ ނިޒާމެއް ނެތް ކަމަށާއި މި ވަގުތު ރާއްޖޭގައި އޮތީ "ޝަމީމީ" ނިޒާމެއް ކަމަށް އޭނާ ވިދާޅުވެއެވެ.