ތާލިބާނާއި އެމެރިކާއާ ދެމެދު ކުރާ މަޝްވަރާތައް ގަތަރުގައި ބޭއްވުމަށް ތައްޔާރު ވެއްޖެއެވެ.

އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަޝްވަރާ ބައްދަލުވުންތަކުގައި އެމެރިކާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އެގައުމުގެ އަފްގާނިސްތާނަށް ހާއްސަ މަންދޫބު ޓޮމް ވެސްޓްއެވެ.

މި ބައްދަލުވުންތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވަނީ އިންސާނީ އެހީ ފޯރުކޮށްދޭން ޖެހޭ ކަންކަމާ ގުޅޭ ގޮތުންނާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްތައް ކުރުމާ ގުޅޭ ގޮތުންނެވެ.

ތާލިބާނުންނާއި އެމެރިކާއާ ދެމެދު ކުރެވޭ މަޝްވަރާ ބައްދަލުވުންތަކުގައި ތާލިބާނުންނަށް އެހީ ވުމަށް އެގައުމުން ނިންމާފައި ވަނީ ވަކި ޝަރުތުތަކެއް ހުށަހެޅުމަށް ފަހު ކަމަށް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.

އެމެރިކާއިން ކުރާ ޝަރުތުތަކުގެ ތެރޭގައި ހުރިހާ އެންމެން ހިމެނޭހެން އެންމެންގެ ބައިވެރިވުން ޝާމިލުވާ ސަރުކާރެއް ގާއިމް ކުރުމާއި، އަންހެނުންނާއި މައިނޯރިޓީންގެ ހައްގުތައް ކަށަވަރު ކޮށްދިނުމާއެކު ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ ވަރުގަދަ ކުރުން ހިމެނޭ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

އަފްގާނިސްތާނުގެ ވަރިކަމާ ތާލިބާނުން ހަވާލުވުމަށް ފަހު ފާއިތުވި އޮކްޓޫބަރު މަހު އެމެރިކާއާއެކު ބައްދަލުވުމެއް ބާއްވާފައި ވާއިރު އެ ބައްދަލުވުން ވެސް ބާއްވާފައި ވަނީ ގަތަރުގައެވެ. އެއަށް ފަހު މި މަހުގެ ކުރީކޮޅު ޕާކިސްތާނުގައި ވެސް ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ.