ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައި ވާ ހިޔާ ފުލެޓު ލިބުނު މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއި ނުކުރެވުނު މީހުންނަށް މިމަހު 28 އަދި 29ގައި ފުރުސަތު ދޭނެ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ޖުލައި 14، 2021 އިން ނޮވެމްބަރު 24، 2011 އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލްކޮށް އެކި ސަބަބުތަކާހުރެ އެއްބަސްވުމުގައި ސޮއިކުރަން ނާދެވުނު ފަރާތްތަކާއި އަދި މިހާތަނަށް ސޮއިކުރަން އެ ކޯޕަރޭޝަނުން ގުޅާފައިނުވާ ފަރާތްތަކުން، އެއްބަސްވުމުގައި ސޮއިކުރުމަށް ގަޑިތައް ތާވަލުކޮށްފައިވާ ކަމަށެވެ.

އެޗްޑީސީން ސޮއިކުރުމަށް ތާވަލްކޮށްފައިވާ ފަރާތްތަކުގެ ލިސްޓު ހިއްސާކޮށްފައިވާއިރު ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 28 އަދި 29 ވަނަ ދުވަހު ކަމަށް އެޗްޑީސީން ބުނެއެވެ.

މި ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފޯމު ނަންބަރު.HF2 (ޒިންމާ ވާ ފަރާތުގެ ފޯމު) އެޗްޑީސީއަށް ހުށަހަޅާފައިނުވާ ފަރާތްތަކުން އެފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ހާޒިރުވާއިރު އެ ފޯމު ހުށަހެޅުމުން، މައުލޫމާތު ކަށަވަރު ކުރުމަށްފަހު އެއްބަސްވުމުގައި ސޮއި ކުރުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

  • ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަންވާނެ، އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީއެއް ގެންނަން ވާނެ
  • ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވާ އޮފް އެޓާނީ" އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުންހެކިވެރިއަކާއިއެކު ހާޒިރުވުންއަދި އޮންލައިން ޕޯޓަލްގެ ޒަރިއްޔާއިން، HF4 - ހިޔާ 7000 މަޝްރޫޢުއިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ "ޕަވާ އޮފްއެޓާނީ" ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމުގެ އަސްލު ގެނައުން
  • ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އަމިއްލަ ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާންޖަހަން ބޭނުން ކުރާ "ދެލީ ޕެޑް" ގެނައުމަކީ އެދެވިގެންވާ ކަމެއް
  • ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގިނަފަރާތްތަކަކަށް ތާވަލު ކުރެވިފައިވާތީ، އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާހޯލަށް ވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުސަތު ދެވޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަނި

އެޗްޑީސީން ބުނީ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުމާލެގައި ހުންނަ ސެންޓްރޯ މޯލްގެ 2 ވަނަ ފަންގިފިލާގާ ކަމަށެވެ. އެޗްޑީސީން ވަނީ ސޮއި ކުރަން ހާޒިރުވާން ޖެހޭ ގަޑި އަށް ހާޒިރުވުމަށް އިލްތިމާސްކޮށްފައެވެ.