އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް މިއަދު ދައުވާކުރަން ފޮނުވުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ޗެޓް ލޮގެއް އާއްމުކުރައްވައި އެއީ ކަނޑައެޅިގެން ވަރަށް ޒާތީ ނިންމުމެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގެ ތެރެއިން 33000 ޑޮލަރުގެ ރިޝްވަތު ނެގި ކަަމުގެ ތުހުމަތުގައި މަހްލޫފަށް ދައުވާ އުފުލުމާ ގުޅިގެން މިރޭ އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ޔޫތް މިނިސްޓްރީގެ ޕާސަނަލް އެސިސްޓެންޓް އަޒްމޫން އަހްމަދާއި ޕީޖީ ޝަމީމް ދައްކަވާފައިވާ ވާހަކަތަކެއްގެ ޗެޓް ލޮގް ހިއްސާ ކުރައްވާފައެވެ. އަދި އެ ނިންމުމަކީ ކަނޑައެޅިގެން ޝަމީމްގެ ވަރަށް ޒާތީ ނިންމުމެއްކަން ހާމަވާނެ ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

މަހުލޫފް ވަނީ ޝަމީމްގެ ފޮތުގައި އޮންނަ ގޮތުން ދައުވާ ކުރުމަށް ނިންމަނީ "ފުއްޕާވަރަށް އަދި ސައިޒުވާ" މިންވަރުގެ މައްޗަށް ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. މީގެއިތުރުން މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި ކޯޓުގައި ހަގީގަތް ސާފުވާނެ ކަމަށް ވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި މިއަދު ދައުވާ ކުރަން ފޮނުވާފައި ވާއިރު މަހްލޫފްގެ އަނބިކަނަބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު ނަޒްރާ ނަސީމް (ނަޒޫ) ވަނީ ޝަމީމަށް މަރުހަބާ ދަންނަވައި އަދި އޭނާއަށް "ސައިކޯ" ގެ ނަމުން މުހާތަބު ކުރައްވާފައެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެއީ މަހްލޫފަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިރު، އޮގަސްޓު 27، 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކުރައްވައި ވޯޓުދެއްވުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން 33،000 ޑޮލަރު ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ މަހްލޫފްގެ އެކައުންޓަށް ސެޕްޓެންބަރު 1، 2014 ދުވަހު ޖަމާކޮށްފައި ވާތީއެވެ.

އެސްއޯއެފްއާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގާފައި ވާކަން އެނގުމުން، މިސަރުކާރުން މަހުލޫފު ސަސްޕެންޑް ކުރިއެވެ. ފުރަތަމަ ފަހަރު މަހްލޫފް ސަސްޕެންޑް ކުރީ ފެބްރުއަރީ 14، 2019 ގައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މަހްލޫފްގެ މައްސަލައެއް ނެތުމުން ބަލަން ޖެހޭ އިތުރު ކަންކަމަށް ބެލުމަށް ފަހު، މަހްލޫފްގެ ސަސްޕެންޝަން އުވާލީ، އޭގެ ދެ މަސް ފަހުން އޭޕްރީލް 16، 2019 ގައެވެ.

ނަމަވެސް އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓް އޭސީސީން ނެރުމުން، މަހުލޫފްގެ މުއާމަލާތެއް ވެސް އޭގައި ހިމެނޭތީ ޖޫން 9، 2021 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަހުލޫފު މަގާމުން ސަސްޕެންޑް ކުރެއްވިއެވެ. ނަމަވެސް ހަތަރު މަސް ދުވަހަށް ފަހު އޮކްޓޫބަރު 10، 2021 ވަނަ ދުވަހު އޭނާގެ ސަސްޕެންޝަން ވަނީ ނިމުމަކަށް ގެނެސްފައެވެ.