ދުނިޔޭގެ ފުރަތަމަ ފްލޯޓިންގް ސިޓީ 2025 ވަނަ އަހަރު އަންނަން ވާއިރަށް ފެންނާނެ ކަމަށް ދެކުނު ކޮރެއާއިން ބުނެފިއެވެ.
ދެކުނު ކޮރެއާގެ ބުސާންގެ އައްސޭރިފަށުގައި 200 މިލިއަން ޑޮލަރުގެ ފްލޯޓިންގް ސިޓީއެއް ތަރައްގީ ކުރުމަށް އެގައުމުން ނިންމާފައި ވާއިރު އެ ސިޓީ އަކީ ގިނަ ރަށްތަކެއް އެކުލެވިގެންވާ 'ފްލަޑް ޕްރޫފް އިންފްރާސްޓްރަކްޗާ' އަކަށް ވެގެން ދާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މި ފްލޯޓިން ސިޓީގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަން އެގައުމުން ހާމަކޮށްފައި ވާއިރު މި ތާރީހީ މަޝްރޫއު ހިންގުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ ބުސާން މެޓްރޮޕޮލިޓަން ސިޓީ އާއި ޔޫއެން ހެބިޓެޓް އަދި ނިއު ޔޯކްޑިޒައިނާސް އޯޝޭނިކްސް އިންނެވެ.
މިއީ ޓެކްނޮލޮޖީގެ އެހީގައި ޒަމާނީ ފެންވަރަކަށް ހެދުމަށް ނިންމާފައިވާ ސިޓީއަކަށް ވާއިރު ސޯލާ ޕެނަލްގެ އެހީގައި ކަރަންޓު އުފެއްދުމާއެކު އިމާރާތްތަކުގެ މަތީ ފަށަލައިގައި ތާޒާ ފެނާއި ކާބޯތަކެތި އުފެއްދޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެގައުމުން ވަނީ ނިންމާފައެވެ.
ރިޕޯޓުތައް ބުނާގޮތުން މި ސިޓީ ވެގެން ދާނީ ފެންބޮޑުވުމާއި ސުނާމީގެ އިތުރުން ކެޓަގަރީ 5 ގެ ތޫފާންތައް ފަދަ ގުދުރަތީ ކާރިސާތަކުންވެސް ރައްކާތެރި ވެވޭނެ ފަދަ ގޮތަކަށް ފަރުމާ ކުރެވިގެންދާ ސިޓީ އަކަށެވެ.
ފްލޯޓިން ސިޓީގެ ވާހަކައާއެކު ގިނަ ބަޔަކު ވަނީ މި ސިޓީގައި ދިރިއުޅުމާމެދު ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް މި ސިޓީގައި ދިއިރުޅޭނެ މީހުންނާ، އެކަން ކުރާނެ އުސޫލާއި ގަވާއިދު އަދި ހާމަ ކޮށްފައެއް ނުވެއެވެ.
މި މަޝްރޫއަކީ މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުގެ ލޮނުގަނޑު އުފުލި، ދިމާވެދާނެ ކާރިސާއަކުން ސަލާމަތް ވެވޭނެ މަގެއް ހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ވެސް ގިނަބަޔަކު ދަނީ ބުނަމުންނެވެ.