އިއްޔެއިންސުރެ ބޯކޮށް ވެހެމުން ދިޔަ ވާރޭގައި، ދެކުނު ކޮރެއާގެ ވެރިރަށް ސޯލް ގެ މަގުތަކުގައި ފެންބޮޑުވެ ކޯރު ހެދިއްޖެއެވެ.

ހަބަރުތައް ބުނާ ގޮތުން، މިހާދިސާގައި މިހާތަނަށް 7 މީހަކު މަރުވެ 6 މީހަކު ގެއްލިފައިވެސް ވެއްޖެއެވެ. އަދި 800 އެތައް ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައި ވައިރު، ކާރުތަކާއި އެެހެނިހެން ވެހިކަލްތައްވެސް އޮޔާ ދާ ކަމަށް ހަބަރު ލިބެއެވެ. އަދި ފެންބޮޑުވުމުގެ މިހާދިސާގައި ބިންގަރާހެއްގައި ތާށިވެ 3 މީހަކު މަރުވެ ދިޔަ އިރު، އެމީހުން އެހީއަށް އެދުނު ނަމަވެސް ސަލާމަތް ކުރަން ބަޔަކަށް ކައިރިނުވެވުނު ކަމަށްވެސް ހަބަރުތައް ބުނެއެވެ.

މޫސުން ލަފާ ކުރާ ގޮތުން ކުރިއަށް އޮތް ދެދުވަހުވެސް އެގައުމަށް ބޯކޮށް ވާރޭ ވެހޭނެއެވެ. އެއާއެކު ނުރައްކާ އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް އޮފިޝަލުން ބުނެއެވެ.

ވާރޭވެހި ފެންބޮޑުވެފައި ވުމުގެ ސަބަބުން 80 އެތައް މަގެއް ބަންދުވެ އާންމު ހިދުމަތްތަކަށް ބުރޫ އަރާ، ވެރިރަށް ވަނީ ހުއްޓުމަކާ ހިސާބުގައެވެ. ނަމަވެސް މީހުންނާއި މުދަލާއި ތަކެތި ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ރެސްކިއު ވޯކަރުންގެ ބުރަ މަސައްކަތުން އާންމު ބައެއް ހިދުމަތްތައް ވަނީ ފަށާފައެވެ. އެގޮތުން ވެރިރަށުގެ ސަބްވޭތައް ވަނީ އާންމު ހާލަތަށް ގެނެސްފައެވެ.

މިހާދިސާއާ ގުޅިގެން އާންމުން ރައްކާތެރިވެ ތިބުމަށާއި ހާލަތަށް ވިސްނައިގެން މަސައްކަތްތައް ކުރިއަށް ގެންދިޔުމާއެކު، ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީތެރިވުމަށް އެގައުމުގެ ރައީސް ޔޫން ސްކް ޔިއޯލް ވަނީ ގޮވާލައްވާފައެވެ.

މޫސުމާ ބެހޭ އެގައުމުގެ އިދާރާއިން ބުނާ ގޮތުން، ފެންބޮޑުވި ބައެއް ސަރަހައްދު ތަކުގައި 17 އިންޗިއަށް ހުރީ ފެންބޮޑުވެފައެވެ.