އުތުރު ކޮރެއާއިން އެންމެ ފަހުން ކުރި މިސައިލް ޓެސްޓުތައް ކުށްވެރިކޮށް، އެކަމުގެ ރައްދެއްގެ ގޮތުގައި އެމެރިކާއާއި ދެކުނު ކޮރެއާއިންވެސް މިސައިލްތަކެއް ޓެސްޓު ކޮށްފިއެވެ.
އުތުރު ކޮރެއާއިން ކުރާ ފުރައްސާރަތަކައް ރައްދު ދިނުމަށް 2 ގައުމު އަބަދުވެސް އޮންނާނީ ތައްޔާރަށް ކަން ސާބިތު ކޮށްދިނުމުގެ ގޮތުން، އެމެރިކާއާއި ދެކުނު ކޮރެއާއިން ވަނީ ބެލިސްޓިކް 8 މިސައިލެއް، މިއަދު ހެނދުނުގެ ވަގުތެއްގައި ޓެސްޓު ކޮށްފައެވެ.
އުތުރު ކޮރެއާއިން އިއްޔެ ވަނީ ކުރު-ރާސްތާ ބެލިސްޓިކް 8 މިސައިލު ޓެސްޓު ކޮށްފައެވެ. މިއީ އުތުރު ކޮރެއާއިން އެއް ދުވަހާ މިހާ ގަނަ އަދަދެއްގެ މިސައިލް ޓެސްޓު ކުރި ފުރަތަމަ ދުވަހެވެ.
ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްސްއިން ބުނީ، އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލް ހަރަކާތްތައް ކުށްވެރި ކުރާ ކަމަށާ، ސަރަހައްދުގައި އަސްކަރީ ނުތަނަވަސްކަން އިތުރު ކުރާ އަމަލުތައް މިހާރުން މިހާރު ހުއްޓާލުމަށް އުތުރު ކޮރެއާއަށް ގޮވާލާ ކަމަށެވެ.
އުތުރު ކޮރެއާގެ މިސައިލް ޓެސްޓުތަކަށް ރައްދު ދިނުމުގެ ގޮތުން ދެކުނު ކޮރެއާއާއި އެމެރިކާ ގުޅިގެން އުދުއްސާލީ އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމްތަކެއް ކަމަށް، އުތުރު ކޮރެއާގެ ދިފާއީ ވުޒާރާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.
ދެކުނު ކޮރެއާގެ ރައީސް ކަމުގެ މަގާމާ މިދިޔަ މަހު ހަވާލުވެވަޑައިގެންނެވި ޔޫން ސުކް-ޔިއޯލް ވަނީ، އުތުރު ކޮރެއާގެ މިސައިލް މަޝްރޫއާ ދެކޮޅަށް ދެކުނު ގެންގުޅޭނީ ހަރުކަށި ރޫހެއް ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އެމެރިކާއާ ގުޅިގެން ހިންގާ އަސްކަރީ ތަމްރީނުތައް އިތުރު ކުރައްވާނެ ކަމަށްވެސް ރައީސް ޔޫން ވަނީ، އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ވައުދުވެވަޑައިގެންފައެވެ.
ކަން މިހެން އޮތް އިރު އެމެރިކާއިން ހިންގާ ޖޮއިންޓް-ޑްރިލް ނުވަތަ ގުޅިގެން ހިންގާ ތަމްރީނުތަކަކީ، ޑިޕްލޮމެޓިކް ވާހަކަތަކުގެ ރޫހާ ހިލާފަށް، އެމެރިކާއިން ގެންގުޅޭ ދެކޮޅުވެރިކަމުގެ ސިޔާސަތެއް ކަމަށް އުތުރު ކޮރެއާއިން ވަނީ ސިފަ ކޮށްފައެވެ.
މި ހިނގާ 2022 ވަނަ އަހަރަކީ އުތުރު ކޮރެއާއިން ރެކޯޑް އަދަދަކަށް މިސައިލް ޓެސްޓު ކުރަމުންދާ އަހަރެކެވެ. ނަމަވެސް ބެލިސްޓިކް މިސައިލްތައް ޓެސްޓު ކުރުމަކީ އދއިން އެ ގައުމަށް މަނާ ކޮށްފައި އޮންނަ ކަމެކެވެ. އުތުރު ކޮރެއާއިން މިސައިލް ޓެސްޓު ކުރަމުން ދާ ދިއުމާ ގުޅިގެން އެ ގައުމާ ދެކޮޅަށް އދ މެދުވެރިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އެމެރިކާއިން ކުރި މަސައްކަތަށް، ރަޝިއާއާއި ޗައިނާއިން ވަނީ ވީޓޯ ބާރުގެ އެހީގައި ހުރަސް އަޅާފައެވެ.