ދެކުނު ކޮރެއާއާ އިންވެގެން އޮންނަ އުތުރު ކޮރެއާގެ އަސްކާރީ ބާރުގެ ކުރިމަތީގައި ގަދަކަން ދައްކަން ހިންގާ ފަރިތަކުރުންތައް އެގައުމުން އެމެރިކާއާ ގުޅިގެން ފަށައިފިއެވެ.

މިއީ 2017 އަށް ފަހު، ދެކުނު ކޮރެއާގައި ހިންގާ އެންމެ ބޮޑު އަސްކަރީ އެކްސަސައިޒް ކަމަށް ހަބަރުތައް ބުނެއެވެ.

މިއަދުން ފެށިގެން ސެޕްޓެމްބަރު 1، 2022 ގެ ނިޔަލަށް ކުރިއަށް ގެންދާ މި އެކްސަސައިޒްގައި އެތައްހާސް ސިފައިންނެއް ބައިވެރިވަމުން ދާއިރު، ޓެކްނޮލޮޖީއާއި ސައިބާ ކްރައިން ފަދަ ހައްސާސް ދާއިރާތަކަށް ފޯކަސް ކުރުމާއެކު، އެއްގަމާއި ކަނޑުގެ ސަރަހައްދުގައި ބަރުހަތިޔާރާއެކު ހިންގާ ތަމްރީނުތައްވެސް ހިމެނެއެވެ.

ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި، މި ތަމްރީނުތަކުގެ ބޭނުމަކީ ކޮރެއަން ޕެނެސުއޭލާ ނުވަތަ ކޮރެއާ ހިމެނޭ ބައްރުގައި، ގައުމުތަކުގެ އަސްކަރީ ހަރަކާތްތަކާއި ބަދަލުވަމުން ދާ ހަނގުރާމައިގެ އުކުޅުތަކާ އެއްވަރަށް ފައިހަމަ ކުރުމަށް ހިންގާ ތަމްރީނުތަކެކެވެ. އޭގެ އިތުރުން އިންވެގެން އޮންނަ އުތުރު ކޮރެއާގެ އަސްކަރީ ގާބިލު ކަމާއި، އެ ގައުމުން ދެކުނު ކޮރެއާއަށް އަރާފާނެ ކަމުގެ ބިރަށް ތައްޔާރުވުމުން ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އެމެރިކާއާއި ދެކުނު ކޮރެއާ ގުޅިގެން ހިންގާ މި އެކްސަސައިޒް ފެށި އިރު، އުތުރު ކޮރެއާއިން ވަނީ ކްރޫޒް މިސައިންގެ ދޭތި ޓެސްޓް ކޮސްފައެވެ. އަދި އެ ގައުމުގެ ނިއުކްލިއާ ބާރު އިތުރު ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން 7 ވަނަ ޓެސްޓެއް ވަރަށް އަވަހަށް ކުރާނެ ކަމަށާއި ކޮންމެ ވަގުތެއްގައިވެސް އެކަން ކޮށްފާނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ދެނުކު ކޮރެއާއާއި ސަރަހައްދުގައި ހިމެނޭ ޖަޕާން ފަދަ ގައުމުތަކުން ކަންބޮޑުވުން ފާޅު ކުރަނީ އަސްކަރީ ގޮތުން އުތުރު ކޮރެއާ މާ ބޮޑަށް ބާރުގަދަވެ، އިންތިޒާމެއް ނެތި ކުރާ އަސްކަރީ ޓެސްޓްތަކާއި ނިއުކްލިއާ ހަތިޔާރު ތަރައްގީ ކޮށް ޓެސްޓް ކުރާލެއް ގިނަ ކަމާއެކު އެއިން ގައުމަކުން ކުރެ ކޮންމެ ގައުމަކަށްވެސް އުތުރު ކޮރެއާއިން ހަމަލާ ދީފާނެ ކަމަށް ބުނެއެވެ.