2019 ވަނަ އަހަރުގެ ފަހުކޮޅު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ދުނިޔެ އިނދަޖެހެން ފެށުމާއެކުހެން ބައިނަލްއަގުވާމީ ދުނިޔެއަށް ބޯޑަރުތައް ބަންދު ކުރި އުތުރު ކޮރެއާގައި ދާދި ފަހުން ކޮވިޑްގެ ކޭސްތައް އިތުރު ވާން ފަށާފައި ވާ އިރު، އެކަން ހިނގަން މެދުވެރީ، ދެކުނު ކޮރެއާއާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދަށް ވެއްޓިފައިވާ "އޭލިއަން އެއްޗެހި" ތަކެއްގައި ރައްޔިތުން އަތްލުމުން ކަމަށް، އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
ބޯޑަރު ހުރަސްކޮށް އުތުރު ކޮރެއާއަށް އެތެރެވެފައި ވާ ކަމަށް ބެލެވޭ އެކި އެއްޗެއްސާ މެދު ސަމާލުވުމަށްވެސް ދައުލަތުގެ މީޑިއާއިން ވަނީ އުތުރު ކޮރެއާގެ ރަށްވެހިންނަށް އިލްތިމާސް ކޮށްފައެވެ.
ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް ދެކޮރެއާއިން ހިއްސާ ކުރާ ސަރަހައްދީ އިމުގެ ހަރަކާތްތަކަށް ބަލާއިރު، ދެކުނު ކޮރެއާގެ އެކްޓިވިސްޓުން، ދޭތެރެ ދޭތެރެއިން، އުތުރު ކޮރެއާއަށް ފުއްޕާހަން ފޮނުވައެވެ. އެ ފުއްޕާހަންތައް ފޮނުވަނީ އެކި ކަހަލަ ލުއި ފޮތްތަކުގެ އިތުރުން، އިންސާނީ އެހީގެ ތަކެއްޗާ އެކުގައެވެ.
އުތުރު ކޮރެއާގައި ކޮވިޑް ފެތުރުނު ކަމަށް އެ ގައުމުން ވަކާލާތު ކުރާ ސަބަބަށް ރައްދު ދެމުން ދެކުނު ކޮރެއާއިން ވަނީ، އެ މޭރުމުން ބޯޑަރު ހުރަސްކޮށް، އުތުރަށް ކޮވިޑް ދަތުރު ކުރާނެ ފުރުސަތު ނޯންނެ ކަމަށެވެ.
އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ހާމަ ކޮށްފައި ވާ ގޮތުގައި އެ ގައުމުގައި ބަލިމަޑުކަން ފެށުނުތާ ކުރީކޮޅު ބަލި ޖެހުނު 2 މީހެއްގެ ސިއްހީ ތަހުގީގުތަކަށް ފަހު، ދެކުނު ކޮރެއާއާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި ހުރި ގޮތް ނޭނގޭ އެއްޗެހިތަކެއްގައި އެމީހުން އަތްލިކަން ހާމަވެއެވެ.
އަސްކަރިއްޔާގައި ހިދުމަތް ކުރަމުން ދިޔަ 18 އަހަރުގެ ޒުވާނެއްގެ އިތުރުން 5 އަހަރުގެ ކުއްޖަކު ބައްޔަށް ޕޮޒިޓިވްވި އިރު، އެމީހުންނަށް އެ ބުނާ އާދަޔާ ހިލާފު ތަކެތި ފެނުނު ކަމަށް ވެއެވެ.
އޭޕްރިލް މަހުގެ ފަހު ކޮޅުން ފެށިގެން އުތުރު ކޮރެއާއިން ވަނީ އެ ގައުމުގައި "ހުމެއް" ފެތުރެމުން ދާ ކަމަށް ރިޕޯޓް ކޮށްފައެވެ. އަދި އެ ބަލީގެ 4.7 މިލިއަން ކޭސް ރިޕޯޓް ކުރިއެވެ. ނަމަވެސް، އެމީހުން ކޮވިޑަށް ޓެސްޓު ކޮށްފައެއް ނުވާ ކަމަށް ބެލެވެއެވެ.