ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް ލިބިވަޑައިގެންނެވި އޭޝިއާގެ "ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2021" ގެ "މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސް އެވޯޑު" އޭނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހާއްސަ ކުރައްވައިފިއެވެ.

މުޣުނީއަށް މި އެވޯޑު ލިބިވަޑައިގަތީ މިދިޔަ ތިން އަހަރު ސްޓެލްކޯގެ އެމްޑީގެ ހައިސިއްޔަތުން ސްޓެލްކޯއާއި، އެނާޖީ ސެކްޓާގެ ކުރިއެރުމަށް ކުރެއްވި މަސައްކަތްތަކާއި، ތިން އަހަރުގެ ތެރޭ ސްޓެލްކޯ ކުރިއަރައިގެން ގޮސްފައިވާ ސްޕީޑާ ގުޅިގެންނެވެ. މިއީ މި އެވޯޑު ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

މުޣުނީ ވިދާޅުވީ އޭޝިއާގެ އެންމެ އިންސްޕަޔަރިން އެގްޒެކެޓިވް އެވޯޑަށް ނޮމިނޭޓްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށާއި އެ އެވޯޑް ހާއްސަ ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށެވެ.

"އޭޝިއާގެ އެންމެ އިންސްޕަޔަރިން އެގްޒެކެޓިވް އެވޯޑަށް ނޮމިނޭޓްވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް. އަޅުގަނޑު މި އެވޯޑް ހާއްސަ ކޮށްލަނީ ރައީސް ސޯލިހަށް"
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ

މުޣުނީ ވަނީ ބައިނަލްއަގްވާމީ ފެންވަރުގައި ވާދަވެރި ބަޔަކަށް ދިވެހިން ވުމަށް ރައީސް ސޯލިހު ދެއްވާ އަހަންމިއްޔަތުކަމާއި ދެއްވާ ހިތްވަރުފުޅު ފާހަގަ ކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

މި އެވޯޑުގެ އިތުރުން، ސްޓެލްކޯގެ އެމްޑީގެ ގޮތުގައި ހުންނަވައި މުޣުނީ ކުރެއްވި މަސައްކަތްތަކާ ގުޅިގެން އޭނާއަށް ވަނީ އޭޝިއާގެ "އެޗްއާރު ލީޑަޝިޕް އެވޯޑްސް"ގެ "އެގްޒެމްޕްލަރީ ލީޑާ އޮފް ދި އިޔާ" އާއި އޭޝިއާގެ "ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސް" ގެ "އިމާޖިން ލީޑާ އޮފް ދި އިޔާ"ގެ އެވޯޑްވެސް ލިބިވަޑައިގެންފައެވެ.