އެމެރިކާއިން ޓައިވާނަށް ދީފައިވާ އަސްކަރީ ހަތިޔާރުތައް އާންމުކޮށް ދައްކާލައިފިއެވެ.

އެގައުމުން ޓައިވާނަށް ދީފައިވާ އަސްކަރީ ހަތިޔާރުތަކުގެ ތެރޭގައި، އެފް16ގެ 64 ފައިޓާޖެޓް ވެސް ހިމެނެއެވެ. ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެމެރިކާގެ މި އެހީއާއެކު ޓައިވާނުގައި މިހާރު ހުރި ޖެޓުތައް އާ ކުރުމާއެކު މަރާމާތުކުރުމުގެ މަސައްކަތް ވެސް އެގައުމުން ކުރާނެއެވެ. މީގެ އިތުރުން އަސްކަރީ ގޮތުން ގާބިލު ގައުމަކަށް ވުމަށްޓަކައި އެގައުމުން މީހުން ވެސް ތަމްރީނު ކުރާނެއެވެ.

އެމެރިކާއިން ޓައިވާނަށް ވެފައިވާ މި އެހީއާ ގުޅިގެން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުން އަންނަނީ ޗައިނާއިންނެވެ. މި އެހީތައް ހުއްޓާލުމަށް ޗައިނާއިން އެމެރިކާއަށް ގޮވާލާފައި ވާއިރު އެގައުމުން ބުނެފައި ވަނީ ޗައިނާއިން ކައިރި މުސްތަގުބަލެއްގައި ޓައިވާން އަމިއްލަ ކުރާނެ ކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެމެރިކާއިން މި ގޮވާލުންތަކާ މެދު ރައްދެއް ދީފައި ނުވަނީ ޗައިނާއާ ދެކޮޅަށް ތެދުވެވޭ ވަރުގެ އަސްކަރީ ގާބިލު ބައެއް ޓައިވާނުގައި އުފެއްދުމަށް އެމެރިކާއިން ވިސްނަމުން ދާތީއެވެ.

ދާދިފަހުން ޗައިނާއާއެކު ބޭއްވި އޮންލައިން ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޖޯބައިޑެން ވިދާޅުވީ އެމެރިކާއިން ޓައިވާން ދިފާއު ކުރާނެ ކަމަށެވެ. އަދި ޗައިނާގެ ވަން ޗައިނާ ޕޮލިސީއަށް އެގައުމުން ވެސް ތާއީދު ކުރާ ކަމަށާ ޓައިވާނަކީ މިނިވަން ދައުލަތަކަށް ހެދުމަށް އެމެރިކާއިން ނުވިސްނާ ކަމަށެވެ.

މިކަމާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ ޓައިވާނުން ހިންގާ ބައެއް ހަރަކާތްތަކުގެ ސަބަބުން އެގައުމަށް ދަތިތަކާ ކުރިމަތިވަމުން ދާކަމަށެވެ. އަދި ޓައިވާނުން އެކަމުގައި ހައްދުފަހަނައަޅައި ގޮސްފިނަމަ އެގައުމުގެ އަސްކަރިއްޔާއިން އެކަން ހުއްޓުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.