މަސްތުވާތަކެތީގެ ޝިކާރައަކަށް ވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެގެން އަންނައިރު މި ވަބާގައި ޖެހި "އޯވާ ޑޯޒް" ވެގެން އަހަރެމެންގެ މުޖުތަމައުން މަދުން ނަމަވެސް މީހުން މަރުވެއެވެ. އިއްޔެ މާލޭގެ ފަޅު ގެއެއްގެ ތެރޭގައި މަރުވެ، ކުނިވެފައި އޮއްވާ ފެނުނު އުމުރުން 37 އަހަރުގެ މުހައްމަދު މުޖުތަބާގެ މަރާ ގުޅިގެން އަޑުތައް ފެތުރިފާ ވަނީ ވެސް މުޖުތަބާ ނިކުތީ ފޯނު ގަންނަން ކަމަށާއި 3 ދުވަސް ފަހުން ފެނުނީ މަރުވެފައި އޮއްވާ ކަމަށެވެ.

މުޖުތަބާގެ އަސްލު ގެ ކަމަށްވާ މއ. އާފަލުގޭގައި އޭނާ މަރުވެފައި އޮއްވާ ފެނިފާ ވަނީ އޭނާގެ ރައްޓެއްސަކަށް ކަމަށް އާއިލާއިން "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދީފައި ވާއިރު އޭނާ ފެނިފައި ވަނީ ކުނިވަސް ދުވާތީ ބެލިބެލުމުން ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.

މއ. އާފަލުގޭގައި ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: ދަ ޕްރެސް

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މުޖުތަބާގެ އެއްބަނޑު އެއްބަފާ ބޭބެ އަހުމަދު މުސްތަފާ ބުނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ކޮއްކޮ 16 ދުވަހުގެ ފަރުވާއެއް ގުޅީފަޅުގައި ހުންނަ ޑިޓޮކްސް ސެންޓަރުން ފުރިހަމަކުރި ކަމަށެވެ. އަދި އެ 16 ދުވަހުގެ ފަރުވާ ފުރިހަމަ ކުރުމަށް ފަހު އެނބުރި މާލެ އައީ މި ނޮވެންބަރު މަހު 11 ވަނަ ދުވަހު ހަވީރު 4 ޖެހި އިރު ކަމަށް މުސްތަފާ ބުންޏެވެ.

ފަރުވާއަށް ދިޔަ އިރު މުޖުތަބާ ހުރީ ވަރަށް ބޮޑަށް އެކަމުގެ ތެރެއަށް ވެދެވިފައި ކަން ފާހަގަ ކުރަމުން އޭނާގެ ބޭބެ ބުނީ އޭނާ މާލެ އައި އިރު ހުރީ ވަރަށް ރަނގަޅުވެފައި ކަމަށެވެ.

"ފަރުވާއަށް ދިޔައިރު ހުރީ ވަރަށް ވީކްވެފާ، އައީ އެއްކޮށް ކްލިއާވެގެން"
މުޖުތަބާގެ އެއްބަނޑު އެއްބަފާ ބޭބެ އަހުމަދު މުސްތަފާ

މއ. އާފަލު ގެޔައީ އަލުން ހެދުމަށްޓަކައި ތަޅާލަން ތައްޔާރުވެފައިވާ ގެއަކަށް ވުމުން އާއިލާއާއެކު މުޖުތަބާވެސް ދިރިއުޅެމުން ދިޔައީ މާފަންނުގައި ހުންނަ އެހެން ގެއެއްގައެވެ. މާލެ އައިސް މުޖުތަބާ އެގެއަށް ގޮސް މަންމަ ކައިރީ ފުރަތަމަވެސް ދެއްކީ ފޯނެއް ނެތުމުން ވާނެ އުދަނގުލުގެ ވާހަކައާއި ފޯނެއް ގަންނަން ބޭނުންވާ ވާހަކަ ކަމަށް އޭނާގެ ބޭބެ ކިޔައިދިނެވެ. އަދި މުޖުތަބާ ފޯނެއް ގަންނަން އޭނާގެ މަންމަ -/5000 ރުފިޔާ ދިނީ ހަމަ އެ ވަގުތެވެ. އެ ރޭ މުޖުތަބާ ފޯނެއް ގަތުމަށް ނިކުތީ ސީދާ ކޮން ވަގުތެއްގައި ކަން ސާފު ނުވި ނަމަވެސް ފޯނެއް ގަތުމަށް އޭނާ ނިކުތް ފަހުން ހަބަރެއް ނުވެގެން އާއިލާއިން ހޯދަން މަސައްކަތް ކުރި ކަމަށް މުސްތަފާ ބުންޏެވެ.

މއ. އާފަލުގޭގައި މަރުވެފައި އޮއްވާ ފެނުނު މުހައްމަދު މުޖުތަބާ

އާއިލާއިން މުޖުތަބާ ކުރިން ގެންގުޅުނު ނަންބަރަށް ގުޅާ ރައްޓެހިންނާ ވެސް ގުޅި ނަމަވެސް އޭނާގެ ހަބަރެއް ލިބިފައެއް ނުވެއެވެ. އަދި ފަހަރުގައިވެސް އާފަލުގެއަށް އޭނާ ވަދެފާނެ ކަމަށް އާއިލާއަށް ޝައްކެއްވެސް ވެފައި ނުވާ ކަމަށް ބުންޏެވެ. މުސްތަފާ ކިޔައިދިން ގޮތުގައި އެ ގެޔައީ ފަޅަށް ހުންނަ ތަނަކަށް ވެފައި އެ ގެ ހުންނާނީ ތަޅުލާފައި ކަމަށެވެ. އަދި ފާރުމަތިން ނޫން ގޮތަކަށް ގެއަށް ވަދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް ބުންޏެވެ. އެހެން ކަމަށްވާނަމަ ވަސްދުވައިގެން ރަހުމަތްތެރިޔާވެސް ވަދެފައި އެވަނީ ހަމަ އެހެންނެވެ.

އިއްޔެ މެންދުރުފަސް ވީފަހުން މަރުވެ، ކުނިވެފައި އޮއްވާ އާފަލުގެއިން މުޖުތަބާ ފެނިފައި ވާއިރު އޭނާގެ ބޭބެ ބުނާ ގޮތުގައި އޭނާ މަރުވެފައި ވަނީ އޯވާ ޑޯޒް ވެގެން ކަމަށެވެ. މުސްތަފާ ބުނީ ބޮޑަށް ލަފާކުރެވެނީ 16 ދުވަސް ވަންދެން މަސްތުވާތަކެތީގެ އެއްވެސް އެއްޗެއް ނުލިބި ހުރުމުގެ ސަބަބުން އެކަމަށް ބޭނުން ވެފައި ހުރި މިންވަރުން "ހައި ޑޯޒް"ގެ އެއްޗެއް ބޭނުން ކުރީ ކަމަށެވެ.

މއ. އާފަލުގެއިން މަރުވެފައި އޮއްވާ ފެނުނު މުހައްމަދު މުޖުތަބާގެ ހަށިގަނޑު ގެންދަނީ/ ފޮޓޯ: ދަ ޕްރެސް

ރޭ މެންދަމު 12 ޖެހި އިރު މުޖުތަބާގެ މައްޗަށް ކަށުނަމާދު ކޮށްފައި ވާއިރު އޭނާގެ ބޭބެ ބުނީ ކުނިވެފައި އޮތުމުގެ ސަބަބުން ނުހިނަވާ ތަޔައްމަމް ކުރީ ކަމަށެވެ. އެހެންނަމަވެސް އޭގެ ކުރިން އޭނާގެ ހަށިގަނޑު ފެނިފައި ނުވާ ކަމަށް މުސްތަފާ ބުންޏެވެ. އަދި މޫނު ދެއްކިއިރު މުޖުތަބާގެ މޫނުމަތި އޮތީ ސާފުނުވާވަރަށް ކުނިވެފައި ކަމަށެވެ.

މުޖުތަބާ ކުރިން ކައިވެންޏެއްކޮށް 13 އަހަރުގެ އަންހެން ދަރިއެއް ހުރެއެވެ. ކައިވެނި ރޫޅި ދަރިފުޅު މަންމަ ކައިރީ ހުރި ނަމަވެސް ދަރިޔާ ދެމެދު އޮންނަ ގުޅުމަކަށް ދުވަހަކުވެސް ބަދަލެއް އައިސްފާ ނެތް ކަމަށް އާއިލާއިން ބުނެއެވެ. ޗުއްޓީއަށް ދަރިފުޅު މާލެ ގެނެސް ދަރިފުޅާއެކު ވަގުތު ވެސް މުޖުތަބާ ހޭދަކުރެއެވެ.