ކަނޑަށް ވެއްޓި ގެއްލި ހޯދަން އުޅެ ނުފެނިފަވާ މީހަކު މަރުވެފައިވާކަމަށް ބަލާ ޣައިބަށް ކަށުނަމާދު ކުރެވޭނީ އޭނާ މަރުވެއްޖެކަމަށް ގާޒީ ކަނޑައަޅައިފި ނަމަ ކަމަށް އިސްލާމިމް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ޣައިބަށް ކަށު ނަމާދު ކުރުމާމެދު އަމަލުކުރާނެ ގޮތާ މެދު ގިނަ ބަޔަކު ސުވާލު ކުރަމުން ދާކަމަށާއި، މިފަދަ ހާލަތުގައި އެމީހާ ގެއްލުމާއި މަރާމެދު އޮތް މައްސަލަ ހުށަހަޅަންވާނީ ގާޒީ އަށް ކަމަށެވެ. އެއާއެކު ޝަހީމް ވިދާޅުވީ ކަން ހިނގާ ދިޔަ ގޮތް ބަލާ އޭނާ މަރުވެއްޖެ ކަމަށް ގާޒީ ކަނޑައަޅައިފި ނަމަ، އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމަކީ ހުއްދަކަމެއް ކަމަށެވެ.
ޝަހީމް ވިދާޅުވީ މިފަދައިން އަމަލު ކުރަން ޖެހެނީ މަރަކީ އޭގެ މައްޗަށް ޝަރުވީ ގިނަ ކަންކަން ތަރުތީބުވާ ކަމަކަށް ވާތީކަމަށެވެ. އެގޮތުން ޝަހީމް ވިދާޅުވީ ގެއްލިފައިވާ މީހަކު ނަމަ އެމީހާއަކީ މީހަކާ އިނދެގެން އުޅޭ މީހަކު ކަމުގައި ވެސް ވެދާނެކަމަށާއި، ނުވަތަ ދަރީން ތިބި މީހަކު ކަމުގައި ވެސް ވެދާނެކަމަށާއި، ނުވަތަ މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއްކަމުގައިވެސް ވެދާނެ ކަމަށާއި، އެމީހުންނަކީ އޭނާގެ ވާރުތަ ވެރިންނަށް ވުމުން މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ މިހުރިހާ ކަމެއްގެ ހުކުންތަކަށް ޝަރުއީ ގޮތުން އަސަރުކުރާނެ ކަމަށެވެ.
ޝަހީމް ވިދާޅުވީ ކަނޑަށް ވެއްޓި ގެއްލި ހޯދާ ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ގާޒީކަމަށާއި، ގާޒީ ގޮތް ނިންމާނީ ގެއްލުނު ހާލަތުގެ މައްޗަށް ބަލާ ހޯދަން ކުރި މަސައްކަތަށް އަދި މުޅި މައްސަލައިގެ ހަފަރާތް ބެލުމަށް ފަހުގައި ކަމަށެވެ. ޝަހީމް އިތުރަށް ވިދާޅުވީ ބައެއް އިލްމުވެރިން ބަޔާން ކުރައްވާފައިވާ ގޮތުގައި ގެއްލިފައިވާ މީހާ މެދު ހުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުންނެވެ. ނަމަވެސް ޝަހީމް ވިދާޅުވީ ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިޔަސް ގާޒީ އަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ހޮޅުދޫ ބޯޓުގައި އަލިފާން ރޯވި ހާދިސާގައި ގެއްލުނު ލ. މާވަށަށް އުމުރުން 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ޝަރީފުގެ މައްޗަށް މާދަމާ ޣައިބުގައި ކަށުނަމާދު ކުރަން ނިންމާފައިވާކަން ހާމަކޮށްފައިވަނީ މިއަދު ލ. މާވަށު ކައުންސިލުންނެވެ. އެ ކައުންސިލުން ވަނީ ކަށު ނަމާދު ކުރަން ހަމަޖެހިފައިވަނީ ހުކުރު ނަމާދަށްފަހު އެ ރަށު މަސްޖިދުލް ބިލާލުގައި ކަމަށް ބުނެފައެވެ.
އެ ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި އެންމެން ވަނީ ސަލާމަތްކޮށްފައިވާއިރު، ގެއްލިފައިވާ މުޝްފިގް ހޯދުމުގެ މަސައްކަތް ހުއްޓާލިކަން އަދި ސިފައިން ހާމަކޮށްފައެއް ނުވެއެވެ. އަންގާރަ ދުވަހު ވެސް ސިފައިން ބުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.