ގއ. ގެމަނަފުށީގައި ރޯގާ ޖެހިގެން އެރަށު ސިއްހީ މަރުކަޒުން ފަރުވާ ހޯދަމުން ދިޔަ ތުއްތު ކުއްޖެއްގެ ހާލު ކުއްލިއަކަށް ގޯސްވެ މަރުވި މައްސަލައެއް ބަލަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

7 މަހުގެ ތުއްތު ކުއްޖާގެ ބައްޕަ ހުސެއިން ޝަހުބާދު ބުނެފައިވާ ގޮތުގައި، އޭނާގެ ދަރިފުޅު މަރުވެފައި ވަނީ، ރޯގާގެ އުނދަގޫތަކެއްގައި އެ ރަށު ސިއްހީ މަރުކަޒަަށް ގޮސް ހޯދި ފަރުވާތަކަށް ފަހުގައެވެ. އެ ރަށު ސިއްހީ މަރުކަޒުން އެ ކުއްޖާއަށް ރޯގާ ޖެހުމުން ނޭފަތަށް އާވި އަރުވަން ދިން ކަމަށް ކުއްޖާގެ ބައްޕަ ބުނެއެވެ.

އެ ކުއްޖާ އާވި އަރުވަން ދިން ފަހުން ވެސް ގޭގައި ވަރަށް އެކްޓިވްކޮށް ކުއްޖާ އުޅުނެވެ. ނަމަވެސް މި މަހުގެ 15 ވަަނަ ދުވަހުގެ ރޭ ކުއްޖާ ރޯތީ ޑޮކްޓަރަށް ދައްކަން ދިއުމުން ޑޮކްޓަރު ވަނީ ސިރިންޖަކުން ކުއްޖާގެ ނޭފަތަށް ޕްރެޝަރުގައި އައިވީ ޖަހާފައެވެ. އެއީ ކުއްޖާގެ ނޭފަތުން އަރިދަފުސް ބޭރުކުރަން ކަމަށާއި ނަމަވެސް އަރުދަފުސް ނާންނަ ކަމަށް އާއިލާއިން ބުނެއެވެ. 5 ފަހަރަށް ޑޮކްޓަރު އެހެން ހެދި ކަމަށާއި ފަސް ވަނަ ފަހަރު ނޭފަތަށް ޖެހި އައިވީތައް ބޭރުވީ ލެއާ އެކުގައި ކަމަށް އާއިލާއިން ބުނެއެވެ.

އޭރު އެ އާއިލާއިން ވަނީ ގއ. ވިލިނގިލި ހޮސްޕިޓަލަށް ކުއްޖާ ގެންދިއުމަށް ލޯންޗު ހަމަޖައްސާފައެވެ. ސިއްހީ މަރުކަޒުގައި ހުރި ޑޮކްޓަރު ކުއްޖާއަށް ސީޕީއާރް ދީ ކުއްޖާ މަރު ނުވާ ކަމަށް ބުންޏެވެ. އެ ރޭ 10:00 ހާއިރު ލޯންޗުގައި އެ ކުއުްޖާ ގޮވައިގެން ވިލިނގިއްޔަށް ދާން ފުރި އިރު، އެ ކުއްޖާ އޮކްސިޖަން ދޭން ފެށީ ވެސް ލޯންޗަށް އެރުވި ފަހުން ކަަމަށް އެ ކުއްޖާގެ ބައްޕަ ބުނެއެވެ.

ވިލިނގިލީ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު އެ ހޮސްޕިޓަލުގައި ވެސް ކުއްޖާއަށް ސީޕީއާރް ދީފައި އެ ކއުްޖާ އެއާއެމްބިއުލާންސްގައި މާލެ ގެނެވުނީ އަނެއް ދުވަހު ހެނދުނެވެ. އައިޖީއެމްއެޗަށް ގެނައުމަށް ފަހު 45 މިނެޓް ވަންދުން އެ ކުއްޖާއަށް ވަނީ ސީޕީއާރް ދީފައެވެ. އަދި އެކުއްޖާ ސަލާމަތް ނުކުރެވުނު ކަން އެ ހޮސްޕިޓަލުން ބުނީ ހެނދުނު 8 ޖެހި އިރު ކަމަށް އާއިލާއިން ބުނެއެވެ.

މި މައްސަލަ ހެލްްތް މިނިސްޓްރީން ބަލަމުން އަންނަ އިރު، އާއިލާގެ ފަރާތުން މި މައްސަލަ ވަނީ ފުލުހަށް ވެސް ހުށަހަޅާފައެވެ. އާއިލާއިން ބުނާ ގޮތުގައި އެ ކުއްޖާ މަރުވީ ގެމަނަފުށި ސިއްހީ މަރުކަޒުގެ އިހުމާލުންނެވެ.