އެމްއެމްޕީއާރްސީ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަނަވާ ބައެއް ފަނޑިޔާރުން ކަމަށްވާ ގާޒީ ހުސައިން ފާއިޒު ރަޝާދާއި ގާޒީ އަލީ އާދަމް އާއި، ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯކަން ކަށަވަރު ކުރުމުގެ ތަހުގީގު ލަސްވާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެ އޯޑިއޯތަކުގެ ސައްހަކަން ބެލޭނެ މަގެއް ފެނޭތޯ ކަމާ ބެހޭ ހުރިހާ ފަރާތްތަކާ ބައްދަލުކޮށް، އަދި ލިޔެކިޔުމުން ވެސް ހުށަހަޅަމުން ގެންދާ ކަމަށެވެ.

އެގޮތުން ޕީޖީ ޝަމީމްއާ ބައްދަލުކުރެއްވި ދުވަހު، ވަރަށް ގާތުން އެކަން ބެއްލެވުމުގެ އިތުރުން ފުލުހުންގެ ތަހުގީގު ޓީމާ މަޝްވަރާ ކުރުމަށްފަހު، އެ މަސައްކަތް ކުރިއަށް ދާނުދާގޮތް ޕާޓީއާ ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި މިހާރު އެގޭފަހުން 2 މަސް ފާއިތުވެފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މީގެ މަސްދުވަސް ކުރިން ފުލުހުންގެ އެންމެ އިސް ވެރިންނާ ވެސް ޕާޓީގެ ލީޑާޝިޕުން ބައްދަލުކުރި ކަމަށެވެ. އަދި ވިދާޅުވީ ވަކި ފަރާތަކާ ހަވާލު ކޮށްގެން އެ އޯޑިއޯތަކުގެ ތަހުލީލު ކުރަމުން އަންނަ ކަމާއި އެހެންކަމުން އަދި އިތުރު 5 ދުވަސް ބޭނުންވާ ކަމަށް ފުލުހުން އެ ދުވަހު ބުނި ކަމަށެވެ.

އެއްވެސް މައުލޫމާތެއް ނުލިބި ލަސްވާތީ ދެވަނަ ފަހަރަށް ފުލުހުންނާ ބައްދަލުކުރި ދުވަހު، ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އަދި އިތުރު 10 ދުވަސް ބޭނުންވާ ކަމުގައި ޑީސީޕީ މަންނާނު ވިދާޅުވި ކަމަށާއި އޭގެ ފަހުން އެ ވިދާޅުވި ދިހަ ދުވަސް ވެސް މިހާރު ފަހަނަ އަޅައި ހިންގައްޖެ ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، މި މައްސަލައަކީ ހަމައެކަނި ރައީސް ޔާމީނަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ މުޅި އަދުލު އިންސާފުގެ ދާއިރާއަށް ދިމާވެގެން އުޅޭ ވަރަށް ބޮޑު، އަދި އެހާމެ، ކަންބޮޑުން އެކުލެވޭ މައްސަލައެއް ކަމަށެވެ.

އެ އޯޑިއޯތައް ލީކުވެފައި ވަނީ މިދިޔަ އޮގަސްޓް މަހުގައެވެ.