މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް) އިން މިއަދު އާ ކޮންޓެއިނާ ބޯޓެއް ރާއްޖެ ގެނެސްފިއެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، (އެސްޓީއޯ)ގެ ސަބްސިޑިއަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގް އިން ގަނެފައިވާ ބޯޓް ރާއްޖެ ގެނެސްފައި ވަނީ މިއަދެވެ. މިއީ ރާއްޖޭގައި ބޯޓް ދަތުރުކުރުމުގެ ދާއިރާ ވަޅުޖެހިފައި ވަނިކޮށް އެސްޓީއޯއިން އިސްވެ 2020 ވަނަ އަހަރު އުފެއްދި ޝިޕިން ކުންފުނިން ގަނެގެން ގެނައި ފުރަތަމަ ބޯޓެވެ.

އެސްޓީއޯއިން ބުނީ ލަންކާއަށް ގެންގޮސް ބޯޓުގެ ބްރޭންޑިން މަސައްކަތްތައް ނިންމުމަށް ފަހު މި ބޯޓު ބޭނުން ކުރާނީ ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުކުރުމަށް ކަމަށެވެ. އަދި މި ބޯޓުގެ ކުރޫއިންގެ 99 ޕަސެންޓަކީ ދިވެހިން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެސްޓީއޯއިން ވަނީ އޮކްޓޯބަރުމަހުގެ ތެރޭގައި ބޯޓުގެ ވަޒީފާތަކަށް ދިވެހިން ހޯދުމަށް އިއުލާނުވެސް ކޮށްފައެވެ. މި ބޯޓަކީ 680 ކޮންޓެއިނަރު ޖެހޭ ވަރުގެ ބޯޓެއް ނަމަވެސް ބޯޓު ގަން އަގެއް އެސްޓީއޯއަކުން ނުބުނެއެވެ.

އެކުންފުނިން ޗާޓަރު ކޮށްގެން ގެނައި ފުރަތަމަ ބޯޓް ގެނެސްފައި ވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުއެވެ. އެމްއެސްއެސް އުފެދުނީއްސުރެ ލަންކާއާއި މާލެއާ ދެމެދު ކުރަމުންދާ ދަތުރުތައް މެދުކެނޑުމެއްނެތި އެ ކުންފުނިން ކުރަމުން ގެންދެއެވެ. މީގެ އިތުރުން އިންޑިއާއާއި ރާއްޖޭގެ ބަނދަރުތަކާ ދެމެދު ކުރާ ކާގޯ ފެރީވެސް ކުރަމުން ގެންދެއެވެ.