ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގޭ ކުރިމަތީ ހުރި ސައިކަލުތަކަކަށް ގެއްލުން ދެއްވަފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައިވާ ގޮތުން، ޖާބިރުގެ ގެ ކަމަށްވާ ހ. ތިމާވެށި ކުރިމަތީގައި ހުރި ސައިކަލުތަކެއް އޭނާ ވައްޓާލައްވައި، ގެއްލުންދެއްވާ މަންޒަރު ފެނެއެވެ. އެ ވީޑިއޯގައިވާ ގޮތުން، ރޭ މެންދަމުގެ ވަގުތެއްގައި ޖާބިރު ވަނީ ތިން ސައިކަލަކަށް ގެއްލުން ދެއްވާފައެވެ. އިތުރު ސައިކަލުތަކަކަށް ގެއްލުން ދެއްވިކަން ކަމެއް ސާފެއް ނޫނެވެ.

މީގެ ކުރިން ޖާބިރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކިނބިގަސްދޮށުގެއަށް ވެސް ގެއްލުން ދެއްވާފައެވެ. ޖާބިރު އޭރު ވިދާޅުވީ، މައުމޫނުގެ ގެކޮޅަށް އޭނާ ގެއްލުން ދެއްވީ، އޭނާގެ އަތުން މައުމޫން ނެންގެވި ކަމަށް ބުނާ ފައިސާ ނުލިބޭތީ ބަދަލު ހޯއްދެވުމުގެ ގޮތުން ކަމަށެވެ.

ފުލުހުން ބުނީ މިމަހުގެ 27 ވަނަ ދުވަހުގެރޭ 2:50 ހާއިރު، އެ އިދާރާއަށް އެ މައްސަލަ ވަނީ ރިޕޯޓު ކޮަށްފައި ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެއެވެ.

މިކަމާ ގުޅިގެން ޖާބިރުގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރުމުން، ލިބޭގޮތް ވަނީ ނުވެފައެވެ.