ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ)ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވާތީ ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އދގެ ސްޕެޝަލް ރެޕަޓުއާ އޮން ފްރީޑަމް އޮފް ރިލިޖަން އޯ ބިލީފް، ޑރ އަހުމަދު ޝަހީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އެޗްއާރްސީއެމަށް ހުށަހެޅި މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު ޒެނީޝާއާއި ބަޝީރުގެ އިތުރުން އެ މައްސަލާގައި ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި ބައެއް ފުލުހުންގެ މައްޗަށް ވެސް ދައުވާކުރަން ވަނީ ފޮނުވާފައެވެ.
މިއަދު ޑރ. ޝަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ތިބި ކުޑަކުދިންގެ ހައްގުތަކާއި ގުޅޭ އެންމެ ސިޔާސީ ނޫން ޗެމްޕިއަނުންގެ އިއްޒަތް ހަރާބު ކުރަން މަސައްކަތް ކުރަމުން ދަނީ، ސަރުކާރުގެ ނާގާބިލްކަން ފޮރުވުމުގެ މަގުސަދުގައި ކަމަށެވެ.
މީގެ އިތުރުން ޝަހީދުގެ ޓުވީޓުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޓެގް ކުރައްވާ "ދައުވާކުރަން ފޮނުވައިފި" ކަމަށް ވެސް ވިދާޅުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން، ޒެނީޝާއާއި ބަޝީރުގެ މައްޗަށް ދައުވާ ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން އެކަމުގައި ބައިވެރިވި ބައެއް ކުދިން ހިޔާ އިން ނެރެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނުވާތީއެވެ.