ސްޓެލްކޯގެ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ދަށުން ހުޅުމާލޭ ބާ އިންޖީނުގޭގައި ސޯލާޕީވީ އިންސްޓޯލްކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ ހުޅުމާލޭ ބާ އިންޖީނުގޭގައި 127kWpގެ ރޫފްޓޮޕް ސޯލާ ޕީވީ މިހާރު އިންސްޓޯލްކޮށް ނިންމާފައިވާ ކަމަށެވެ.

މިއީ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިޔާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ މިންވަރު އިތުރު ކުރުމަށްޓަކާ އިންސްޓޯލްކޮށްފައިވާ ސޯލާޕީވީ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މިއަހަރުގެ އޭޕްރީލް މަހު އިފްތިތާހުކުރި ސްޓެލްކޯގެ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ހަކަތަ ބޭނުން ކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދުމާއި ތިމާވެއްޓަށް ގެއްލުންދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ކަަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

އެ ޕްރޮގުރާމުގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލުމާ، ބޭނުންކުރާ ކަރުދާސް މަދުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ސްޓެލްކޯއިން ވަނީ ފަށާފައެވެ.