ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޕަބްލިކް ސާވަންޓުންގެ ދައުރު ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ. ގެ ޕަބްލިކް ސާވިސް ދުވާހާއި ގުޅިގެން ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕަބްލިކް ސާވަންޓުންނަކީ ރަނގަޅު ވެރިކަމެއްގެ ތަނބުތަކެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ގައުމުގެ ކުރިއެރުމާއި ހެވާއި ލާބައަށް ދައުލަތުގެ ހިދުމަތްތެރިންނާއި މުއައްސަސާތަކުން ދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.
އދ. ގެ ޕަބްލިކް ސާވިސް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 23ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ޕަބްލިކް ސާވަންޓުން ކުރާ މަސައްކަތް ދެނެގަނެ، އެމީހުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށެވެ.