ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލަށް ސާފު ބޯފެން ފޯރުކޮށްދޭ ފެންހޮޅި އިފްތިތާހުކޮށްފި އެވެ.

އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެންހޮޅި އިފްތިތާހުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި މި ރަސްމިއްޔާތުގައި ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ލަމްއާން އަދި ސީނިއާ މެނޭޖްމަންޓާއި އެމްއޭސީއެލް ވޯޓާ ސަޕްލައި އެންޑް ސުވަރޭޖް ޓީމް ވަނީ ބައިވެރިވެފައެވެ.

އަލަށް އިފްތިތާހުކުރި ފެން ފޯރުކޮށްދޭ ޕައިޕްލައިން ސިސްޓަމަކީ 1،800 މީޓަރު ދިގު ސިސްޓަމެކެވެ. އޭގެ ތެރެއިން 635 މީޓަރު އަޅާފައިވަނީ ފަޅު ތެރޭގައެވެ. މި މަސައްކަތް ކޮށްފައިވަނީ އެމްއޭސީއެލްގެ ވޯޓާ ސަޕްލައި އެންޑް ސުވަރޭޖް ޓީމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެއާޕޯޓް ހިންގެވުމާ ހަވާލުވީ ފަހުން މިއަދާ ހިސާބަށް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވަމުން ގެންދަވާ އިރުޝާދާއި އެހީތެރިކަމަށް އެމަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.

ހަމަ އެހެންމެ އާ ޓާމިނަލްގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ މައި ދޮރޯއްޓަށް އެދެވޭ އަސަރުތަކެއް ކުރާނެކަމަށާއި، އިގްތިސާދީ މި މުހިންމު ވިއުގައަށް އެހީތެރިކަމާއި ތަރައްގީ ފޯރުކޮށްދިނުމަކީ ރައީސްގެ މުހިންމު ރިޔާސީ ވައުދުފުޅެއްކަމަށާއި، އެމަނިކުފާނު މިމަސައްކަތަށް މުހިންމު އަހައްމިއްޔަތެއް ދެއްވަމުން ގެންދަވަނީ މި ސަބަބަށްޓަކައިކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއި ލަފާފުޅު ކެނޑިނޭޅި ލިބެމުންދާ މަޝްރޫއެއް ކަމަށް ޝަރީފް ފާހަގަ ކުރެއްވިއެވެ. އަދި އެމްއޭސީއެލްގެ ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ޓީމުން އެ މަސައްކަތް ރެކޯޑު މުއްދަތެއްގެ ތެރޭގައި ނިންމާފައިވާތީ އެ ޓީމަށް ސީއީއޯ އިބްރާހިމް ޝަރީފު ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލަށް ފެން ފޯރުކޮށްދޭ ޕައިޕްލައިން ސިސްޓަމް ހުޅުވުމުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ފޯރުކޮށްދެވޭ ގޮތަށް ފަރުމާކޮށްފައިވާ އެ އާ ޓާމިނަލަކީ ވީއައިއޭއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ދަތުރުވެރިންނަށް ދޭ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ ޒަމާނީ ޓާމިނަލެއް ކަމަށާއި އެ ޓާމިނަލް ޑިޒައިން ކޮށްފައިވަނީ ރާއްޖޭގެ ރީތިކަމާއި ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.

ޖުމުލަ 72،000 އަކަފޫޓު ބޮޑުމިނުގެ އެ ޓާމިނަލުގައި 47 ޗެކް-އިން ކައުންޓަރާއި ހަ ސެލްފް ސާވިސް ކިއޮސްކާއި އެއާބްރިޖްތަކާއި، އޮޓޮމޭޓެޑް ބެގޭޖް ހޭންޑްލިންގް ސިސްޓަމަކާއި، އަދި ވިޝުއަލް ޑޮކިންގް ގައިޑެންސް ސިސްޓަމެއް ހުންނާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.