މިނިމަމް ވޭޖް ރިވިއުކުރުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ހަޔާ އެޑިއުކޭޝަން އަދި ލޭބާ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.

އެންމެ ކުޑަ އުޖޫރައާ ގުޅޭގޮތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖު މުރާޖައާ ނުކުރެވި ލަސްވީ އެކަމަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުން އަލުން ހަމަޖައްސަން ޖެހުމާއި މިނިމަމް ވޭޖް މުރާޖައާކުރުމުގެ މަސައްކަތް އޭރުގެ ސަރުކާރުން ކޮށްފައި ނެތުމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިނިމަމް ވޭޖް މުރާޖައާކުރުމުގެ މަސައްކަތް ބައިނަލްއަގުވާމީ ލޭބާ އޯގަނައިޒޭޝަނާ ގުޅިގެން ކުރެވެމުންދާ ކަމަށާއި އެގޮތުން އެ މަސައްކަތްކުރަން ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ކަންކަން ކުރަމުން ދާ ކަމަށެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރާ މި މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިމަމް ވޭޖް ކަނޑައަޅާފައިވަނީ ތިން ދާއިރާއަކަށް ބަހާލައިގެންނެވެ. އެއީ:

  • ކުދި ފަންތީގެ ވިޔަފާރިތައް: ގަޑިއިރަކަށް 24ރ، ނުވަތަ މަހަކަށް 5،000ރ
  • މެދު ފަންތީގެ ވިޔަފާރިތައް: ގަޑިއިރކަށް 33ރ، ނުވަތަ މަހަކަށް 7،000ރ
  • ބޮޑެތި ވިޔަފާރިތައް: ގަޑިއިރަކަށް 42ރ، ނުވަތަ މަހަކަށް 8،900ރ

ނޮވެމްބަރު 2021 ގައި ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައެޅިފަހުން އަދި މުރާޖައާކޮށްފައި ނުވެއެވެ. މުރާޖައާކުރަން ޖެހޭ މުއްދަތު ވަނީ އޭގެ ދެ އަހަރު ފަހުން ހަމަވެފައެވެ.