އާމްދަނީ ލިބޭ މަސައްކަތެއްގައި ހަރަކާތްތެރިނުވާ ޒުވާނުންގެ އަދަދު 40،000 އިން މައްޗައް އަރާފައިފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހެދި ގޭބިސީގެ އާމްދަނީ އާއި ހަރަދުކުރުން ހުރި ގޮތުގެ ސަވޭ 2019 އިން އަންދާޒާ ކުރިގޮތުން ރާއްޖޭގެ އިދާރީ ރަށްރަށުގެ އާންމު ގޭބިސީތަކުގައި އުޅޭ ޒުވާނުންގެ އަދަދަކީ 138,755 އެވެ. އޭގެ ތެރޭގައި ރިސޯޓް އަދި ސިނާއީ ރަށްރަށާއި ލޭބާ ކުއާޓާ ފަދަ ތަންތަނުގައި އުޅޭ އާބާދީ އެ ސާވޭގައި ނުހިމެނޭ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓީކްސް އިން ވަނީ ބުނެފައެވެ.

އެ ސާވޭން ދައްކާގޮތުގައި ޒުވާނުންގެ ތެރެއިން ތައުލީމް ނުވަތަ ތަމްރީން ހާސިލް ކުރަމުން ނުދާ އަދި އާމްދަނީ ލިބޭ މަސައްކަތެއްގައި ހަރަކާތްތެރި ނުވާ ޒުވާނުން "ނީޓް" ގެ އަދަދަކީ 40,157 އެވެ. އެއީ ޒުވާނުންގެ އާބާދީގެ 138,755 ތެރެއިން 29 ޕަސަންޓު ކަމަށް ސާވޭން ދައްކައެވެ.

ޒުވާން ފިރިހެނުންގެ ތެރެއިން "ނީޓް" ގެ އަދަދަކީ 10,005 ކަމަށާ އެއީ ޒުވާން ފިރިހެނުންގެ އާބާދީ 64,903 ގެ ތެރެއިން 15 ޕަސަންޓު ކަމަށް ސާވޭން ދައްކައެވެ.

ސާވޭން ދައްކާގޮތުގައި ޒުވާން އަންހެނުންގެ ތެރެއިން "ނީޓް" ގެ އަދަދަކީ 30,152 އެވެ. އަދި މިއީ ޒުވާން އަންހެނުންގެ އާބާދީ 73,852 ގެ ތެރެއިން 41 ޕަސަންޓު ކަމަށާ އަންހެނުންގެ މެދުގައި "ނީޓް ރޭޓް" މަތިވާ މައިގަނޑު ސަބަބަކަށް، ގޭތެރޭގެ މަސައްކަތުގައާއި އާއިލާގެ ހިދުމަތުގައި ގިނަވަގުތު ހޭދަވެގެން ދިއުން ހިމެނެއެވެ.

އޭގެ އިތުރުން ވަޒީފާއެއް އަދާކުރާ އަދި އާމްދަނީ ލިބޭ މަސައްކަތް ކުރަން ބޭނުންވެގެން ހޯދާ ނުލިބިފައިވާ "އަންއެމްޕްލޯއިޑް" މީހުން ހިމެނެއެވެ. ސާވޭން ދައްކާގޮތުގައި ޒުވާނުންގެ އަންއެމްޕްލޯއިމަންޓް ރޭޓް އަކީ 7.3 ޕަސަންޓެވެ.

އާމްދަނީ ހޯދަމުންދާ އެކަމަކު މަސައްކަތަށް ވަގުތުން ނުކުމެވެން ނެތް މީހުން، އަދި މަސައްކަތެއް ނުހޯދިނަމަވެސް ލިބިއްޖެނަމަ ކުރަން ތައްޔާރަށް ތިބި މީހުން ހިމެނެއެވެ. މިއީ "ޕޮޓެންޝަލް ލޭބާ ފޯސް" އެވެ. އަދި މަސައްކަތެއް ނުހޯދާ އަދި ލިބުނަސް ކުރެވެން ނެތް މީހުންވެސް ހިމެނެއެވެ.